ސިނގިރޭޓް ބޮޑު ވައްކަމަށް އާއްޓޭއާއި ދިގަލި ފަންޑްކުރި ކަމަށް ފުލުހުންގެ ތުހުމަތު

15 އޮކްޓޯބަރު 2025 - 19:34
.jpg&w=3840&q=75)
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގުމަށް ފަންޑުކުރީ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންގްސްގެ ސީއީއޯ މުޙައްމަދު ވަހީދު (ދިގަލި) ކަމަށް ފުލުހުން ތުހުމަތުކުރާކަން ކޯޓަށް ހުށަހެޅި ބަންދު އަމުރުން އެނގިއްޖެއެވެ.
މިދިޔަ އޭޕްރީލް މަހު ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓު ވަގަށް ނެގުމުގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށީ މިދިޔަ ހަފުތާގައެވެ. މި މައްސަލައާ ގުޅިގެން އާއްޓޭ އަދި ދިގަލި ހިމެނޭ ގޮތަށް ޖުމުލަ ހަތަރު މީހަކު ވަނީ ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

Ad by Hajj Corporation
މި މައްސަލާގައި ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ހާމަކުރި މީހުންނަކީ، އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ އިސް އޮފިސަރެއްކަމަށްވާ ޒިވާރު އިސްމާއިލް އަދި ކަސްޓަމްސްގެ ކުރީގެ ވެރިއެއްކަމަށްވާ މުއާޒް އަލީ އެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތްތައް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އެގޮތުން، 61 އަހަރުގެ އަހުމަދު އާރިފް (އާއްޓޭ) 15 ދުވަހަށް، 65 އަހަރުގެ މުޙައްމަދު ވަހީދު (ދިގަލި) 10 ދުވަހަށް، 40 އަހަރުގެ ޒިވާރު 15 ދުވަހަށް އަދި 48 އަހަރުގެ މުއާޒް (ކަސްޓަމްސްގެ ކުރީގެ ވެރިއެއް) ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ސިނގިރޭޓް ބޮޑު ވައްކަމުގެ މައްސަލައިގެ ތަހުގީގަށް ރާއްޖޭގައި މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ ދިގައްޔާއި އާއްޓޭގެ އިތުރުން ކަސްޓަމްސްގެ އިސް މުވައްޒަފަކާއި ކުރީގެ އިސް އޮފިސަރަކު ހައްޔަރުކޮށްފައިވާއިރު، 12 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފައި ވެ އެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ.
ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.