ބަންޑުންޖަހާލި ކޮޅުވެއްޓިން ބައެއްތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެ
16 އޮކްޓޯބަރު 2025 - 09:38

މާލެ އަތޮޅު ތުޅާގިރި ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިގައި ހުރި ތަކެތި އޮޔާދާތީ، އެކަމަށް ސަމާލުވުމަށް މޯލްޑީިވްސް ނޭޝަނަލް ޑިފެންސް ފޯސް،(އެމްއެންޑީއެފް)އިން އެދިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، ކ. ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލުން ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި އަޑިއަށްގޮސް އެ އުޅަނދުގެ ބައެއްތަކެތި އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.
އަދި މިތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ ތުޅާގިރީގެ އިރުމައްޗަށް ވާގޮތަށްކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށާއި އަދި ޚާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން، ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

Ad by Hajj Corporation
މާލެއިން ފުރައިގެން ކ.އެރިޔަދޫ އަށް ދަތުރުކުރަމުން ދިޔަ މި ކޮޅުވެއްޓި ބަންޑުން ޖަހާލައި، ގެއްލިގެން ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކު ނިޔާވެފައި އޮއްވައި ވަނީ މިއަދު ހެނދުނު ފެނިފައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި އެ އުޅަނދަކީ ދިގުމިނުގައި 100 ފޫޓު ހުރި އުޅަނދެކެވެ. އެ އުޅަނދުގެ ކައިރީގައި ސިފައިންނާއި މެރިން ފުލުހުން އަންނަނީ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންނެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާއިރު، މޫސުމަށް ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.