ކައުންސިލް އިންތިޚާބުކުރުމުގައި ބަލާނެ އާބާދީގެ އަދަދުތައް އާންމުކޮށްފި
17 އޮކްޓޯބަރު 2025 - 04:52

އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި މެންބަރުންގެ އަދަދު ކަނޑައެޅުމުގައި ބަލާނެ އާބާދީގެ އަދަދުތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު ގައިވާގޮތުގެމަތީން، 30 ސެޕްޓެންބަރު 2025 ގެ ނިޔަލަށް، ދިވެހިރާއްޖޭގެ ރަށްތަކާއި، ސިޓީތަކުގެ ޖުމުލަ އާބާދީގެ މަޢުލޫމާތު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ، އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގަވާއިދުގައިވާ ގޮތުގެމަތީން އިއުލާން ކުރަން ޖެހެއެވެ.

Ad by Hajj Corporation
އިލެކްޝަންސް ކޮމިޝަންގެ އިއުލާންގައި ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމުގައި ބަލާނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގައިވާ ގޮތުގެމަތީން ކޮށްފައިވާ މިއިއުލާންގެ އަދަދުތަކަށް ކަމަށެވެ.
އިއުލާންގައި ބުނެފައިވާ ގޮތުގައި ދެން އޮންނަ ކައުންސިލް އިންތިހާބުގައި ވެސް ދިހަ ހާހަށްވުރެ އާބާދީ އިތުރުވެ، ސިޓީ ކައުންސިލްތައް އޮންނާނީ މާލެ ސިޓީގެ އިތުރުން އައްޑު ސިޓީއާއި ފުވައްމުލަކު ސިޓީއާއި ކުޅުދުއްފުށި ސިޓީގެ އިތުރުން ތިނަދޫ ސިޓީގައެވެ. ތިނަދޫ ސިޓީގެ އާބާދީ އާއި ގުޅޭ ގޮތުން ޝަކުވާތަކެއް ހުރިނަމަވެސް އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި އަދަދުތައް ދައްކާގޮތުން އެރަށުގެ އާބާދީއަކީ 10453 އެވެ.
ވަކިވަކި ރަށްތަކަށް ބަލާއިރު ފަސްހާހަށްވުރެ އާބާދީ ބޮޑީ ހަތަރު ރަށެއްގައެވެ. އެއީ ޅ.ނައިފަރާއި، ލ.ގަމާއި، ޅ.ހިންނަވަރާއި، ރ.ދުވާފަރުގައެވެ. ކައުންސިލް އިންތިހާބު ކުރާ 177 ރަށުގެ ތެރެއިން އެއްހާސް މީހުންގެ އާބާދީއެއް ނެތް 66 ރަށް އެބައޮތެވެ. އޭގެތެރެއިން ދިހަ ރަށަކީ އާބާދީގައި 500 މީހުން ވެސް ނެތް ރަށްރަށެވެ. އެންމެ އާބާދީ ކުޑަ ރަށަކީ އދ.ދިއްދޫއެވެ. އެރަށުގެ އާބާދީއަކީ 218 އެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ 3,000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ ފަސް މެންބަރުންނެވެ. ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ 3,000 މީހުންން ނުވަތަ އެއަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ ހަތް މެންބަރުންނެވެ.
3000 މީހުންނަށްވުރެ އާބާދީ ކުޑަ 160 ރަށް އެބައޮތެވެ. އެހެންކަމުން 161 ރަށަށް އިންތިހާބު ކުރާނީ ފަސް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކެވެ. 3000 މީހުންނަށްވުރެ އާބާދީ ބޮޑު އޮތީ ސިޓީތައް ނުހިމެނޭ 16 ރަށެވެ. އެ 16 ރަށަށް އިންތިހާބު ކުރާނީ ހަތް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކެވެ.