ހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކޮށްފި
17 އޮކްޓޯބަރު 2025 - 05:29

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލްގެ އޮޕަރޭޝަންސްތައް އައު ޓާމިނަލަށް ބަދަލުކޮށްފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ހަނިމާދޫ އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލްގެ އޮޕަރޭޝަންތައް އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް ބަދަލުކޮށްފައިވާ ކަމަށާއި މި ބަދަލު ގެނައީ އާ ޓާމިނަލް ހުޅުވުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ވައްތަރެއްގެ ކޯޑް ސީ މަތިންދާ ބޯޓުތައް އާ ރަންވޭއަށް ޖެއްސޭނީ މުޅި ރަންވޭ ބޭނުން ކޮށްގެން ކަމަށްވާތީކަމަށެވެ.

Ad by Hajj Corporation
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ ދަތުރުތަކަށެވެ. އަދި މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަނޭޝަނަލް ދަތުރުތަކަށެވެ. ކޮންމެ ފަންގިފިލާއެއްގައި ދެ ގޭޓު ހިމެނޭގޮތަށް ޑިޒައިންކޮށްފައިވެއެވެ.
އަންނަ މަހުގެ 9 ގައި ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ މި އާ ޓާމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓާމިނަލެކެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލް އިން ވަމުން އަންނައިރު، ޓާމިނަލްގެ ހިދުމަތްތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި ހުޅުވުމުގެ ކުރިއާއި ފަހަތަށް މުޅި ޓާމިނަލް ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތައްޔާރުކުރެވިފައިވޭތޯ ކަށަވަރު ކުރުމަށް ކުރިއަށް ގެންދާ އޮރާޓް ޕްރޮސެސް މިހާރު ވަނީ ފަށައިފައެވެ.