ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކުރުން މި މަހުގެ 30 ގައި
18 އޮކްޓޯބަރު 2025 - 19:00

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އެ ގޯތިތަކުގެ ބަންޑާރަ ގޯތީގެ އާ ރަޖިސްޓްރީ ދޫކުރުން މި މަހުގެ 30ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ،ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސް، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީ، މުޅިން އާ ރަޖިސްޓްރީތަކެއް ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި އަދި މި މަސައްކަތް ކުރިއަށް ގެންދަނީ އެޕޮއިންޓްމަންޓް އުސޫލުންން ކަަމަށެވެ.ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބޭ ފަރާތްތަކަށް އައު ބަންޑާރަ ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ އާ ހަވާލުވުމަށް ހުޅުވާލި ފުރުސަތު އޮކްޓޫބަރު 30ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

Ad by Hajj Corporation
އާ ރަޖިސްޓްރީގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލުވުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. އަދި ރަޖިސްޓްރީ ބަލައިގަތުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލް މި ޕޯޓަލްގައި ހިމަނާފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.ރަޖިސްޓްރީއާ ހަވާލުވުމަށް އަންނައިރު، ގޯތި ލިބިފައިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަން ޖެހޭނެ ކަމަށާއި،އަދި ބަދަލުގައި އެހެން ފަރާތެއް އަންނަނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލާއި، ޕަވަރ އޮފް އެޓާނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންދިއުން ލާޒިމު ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އެޕޮއިންޓްމަންޓްއަށް އެދި ހުށަހަޅާ ފަރާތްތަކަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އަދި އެފަރާތްތަކުގެ ފޯނު ނަންބަރަށް އެސްއެމްއެސްގެ ޒަރީއާއިން "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" އާއި ހަވާލުވުމަށް ހާޒިރުވާންޖެހޭ ގަޑި އަދި ތަން އަންގާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.