ގުޅީފަޅުން ގޯތި ލިބުނު 2241 މީހަކާ ރަޖިސްޓްރީ ހަވާލުކޮށްފި
12 ނޮވެމްބަރު 2025 - 06:01

ސަރުކާރުގެ ބިންވެރިޔާ މަޝްރޫޢުގެ ދަށުން ގުޅީފަޅުން މިހާތަނަށް 2200 އަށްވުރެ ގިނަ މީހުން އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާ ހަވާލުވެއްޖެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފެށީ، މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާއިން، ގުޅީފަޅު އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް ހުށައެޅުމުގެ ފަހު ފުރުސަތު ދީފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށެވެ.
ގުޅީފަޅުން 3548 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ ނޮވެމްބަރު 11 ވަނަ ދުވަހާ ހަމައަށް 2241 މީހަކާ ރަޖިސްޓްރީ ހަވާލުކޮށްފައިވާކަމަށެވެ. ރަޖިސްޓްރީތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.

Ad by Hajj Corporation
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީ ކަމަށް އެވުޒާރާއިން ބުނެއެވެ. އަދި އޭގެ ސަބަބުން ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައް ބަދަލުވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންގއަށް ބޮޑު ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ. އަދި އެތާނގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ބިން ކަނޑައަޅާފައިވެއެވެ. އެގޮތުން ތަޢުލީމީ ޚިދުމަތާއި، ޞިއްޙީ ޚިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށާއި، ސިޓީ ހޮޓާ ތަރައްޤީކުރުމަށް ވަކި ސަރަހައްދުތައް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، ގުޅިފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި، ކުޅިވަރު ކުޅޭ ސަރަހައްދުތައް ތަރައްޤީކުރުމަށް ޕްލޭންގައި ކަނޑައަޅާފައިވެއެވެ.


