ދިވެހިންނާ ކައިވެނިކުރާ ބިދޭސީންނަށް އާސަންދަ ނުލިބޭތީ ހުށަހެޅި ގަރާރު ބަލައިގަނެފި
22 އޮކްޓޯބަރު 2025 - 12:01

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންނަށް އާސަންދައިގެ ހިދުމަތް ނުލިބޭތީ ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފި އެވެ.
މިކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭ ގޮތެއް ދެނެގަތުމަށްޓަކައި މި ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެވެ.

Ad by Hajj Corporation
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 47 މެންބަރުންގެ އިއްތިފާގުންނެވެ.އަދި މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ފާސްވުމުން ދިރާސާކުރަން ވަނީ އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފަ އެވެ.މެންބަރު ހުށަހެޅުއްވި ގަރާރުގައި ވަނީ، އާސަންދައިގެ ހިދުމަތް މި ވަގުތު ލިބެނީ ހަމައެކަނި ދިވެހި ރައްޔިތުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނަށް އެކަނި ކަމަށްށާއި،ގާނޫނުއަސާސީގައި ދިވެހި ރައްޔިތުންކަން މާނަކުރާ ގޮތްތައް އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން އެ ގަރާރުގައި ވަނީ، ބިދޭސީއަކު ދިވެހި ރައްޔިތަކަށްވުމަށް އޮންނަ ހަމައެކަނި ގޮތަކީ ސިޓިޒެންޝިޕް ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް ކަމަށާއި އެ ގާނޫނަށް ބައި ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެހެންކަމުން ދިވެހިންނާ ކައިވެެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން ދިވެހި ރައްޔިތުކަން ހޯދުމަށް ބޭނުންވާ އެތައް ބަޔަށް އެ ފުރުސަތު ހޯދިފައިނުވާ ކަމަށެވެ.
ދިވެހިންނާ ކައިވެެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރޭގައި ދާއިމީ ބަލިތަކާއި ބޮޑެތި ބަލިތަކަށް ބޭސްކުރަންޖެހޭ މީހުން ތިބިކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.