މީޑިއާ ކޮމިޝަނަށް ޢައްޔަނުކުރަން ކޮމެޓީއަށް ފެންނަ ތިން ނަން ފާސްކޮށް ރިޕޯޓް ނިންމައިފި

20 އޮކްޓޯބަރު 2025 - 08:30

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ޢައްޔަންކުރާ ތިން މެމްބަރުންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކޮށް މާކްސް ދިނުމަށް ފަހު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ތިން ނަމެއް ފާސްކޮށް، ކޮމެޓީގެ ރިޕޯޓް ފާސްކޮށްފިއެވެ.
މި ތިން ބޭފުޅުންނަކީ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ ބޭފުޅުންނެވެ. ކޮމެޓީން ފާސްކޮށްފައިވާ ތިން ބޭފުޅުންތެރެއިން އެންމެ މަތީ މާކުސް ހޯއްދެވީ މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސީއެސްސީގެ ކުރީގެ މެމްބަރު މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް އެވެ. އޭނާ އަށް 90.50 ޕަސެންޓް ލިބުނެވެ.

Ad by Hajj Corporation
އަނެއް ދެ ބޭފުޅުންކަމަށްވާ ސޮފާ ޝަފީގު، ދ. މީދޫ، ބިއްލޫރިވިލާ: (ބްރޯޑްކޮމްގެ ކުރީގެ ރައީސް) އަށް 88.88 ޕަސެންޓް ލިބުނުއިރު، އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި: (ބްރޯޑްކޮމްގެ ކުރީގެ މެމްބަރު) އަށް 87.88 ޕަސެންޓް ލިބުނެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވޭނީ ޖުމްލަ ހަތް މެމްބަރުންގެ މައްޗަށެވެ. މީގެ ތެރެއިން ތިން މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ ހަތަރު މެމްބަރުން ހޮވާނީ ދިވެހި މީޑިއާތަކުގެ މެދުގައި ނަގާ ވޯޓަކުންނެވެ.
މީޑިއާތަކުގެ ފަރާތުން ކޮމިޝަނަށް ހޮވާ ހަތަރު މެމްބަރުން ވަނީ މިހާރު ކަނޑައެޅިފައެވެ. މި ބޭފުޅުން ހޮވުނީ، މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ އަދަދު މަދުވުމުގެ ސަބަބުން އިންތިހާބަކާ ނުލަ އެވެ.
މީޑިއާ ކޮމިޝަންގައި މީޑިއާތައް ތަމްސީލް ކުރާ ހަތަރު މެމްބަރުންނަކީ:
ބްރޯޑްކާސްޓިން ކެޓަގަރީ: އަބްދުލްއަޒީޒް އިބްރާހީމް- ށ. ފޭދޫ، މޫނިމާގެ އާއި ޒަމްއަތު އަހުމަދު ވަހީދު- ގދ. ތިނަދޫ، މަލަ
އޮންލައިން ކެޓަގަރީ: ސިމާހާ ނަސީމް- ގދ. ރަތަފަންދޫ، ވެލީގޭ އާއި ހުސައިން ސަގީފް- ހދ. ވައިކަރަދޫ، ހިސާން
މި ކޮމިޝަން އުފެއްދުމުގެ މަގުފަހިވީ، 18 ސެޕްޓެމްބަރު 2025 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނުގެ ދަށުން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އޮފީސް" އުފެއްދެވުމާ ގުޅިގެންނެވެ. މި ގާނޫނަށް ޢަމަލުކުރަން ފަށާފައި ވެސް ވަނީ އެދުވަހުއެވެ.