އެމްޑީޕީގެ ސަރުކާރުން ފުނިޖައްސާފައި ހުރި 2.3 ބިލިއަން ރުފިޔާގެ ބިލުތަކަށް ދިހަ ވަރަކަށް ދުވަސްތެރޭ ފައިސާދެނީ

22 އޮކްޓޯބަރު 2025 - 16:40
މިދިޔަ ސަރުކާރުން ފުނިޖައްސާފައި ހުރި 2.3 ބިލިއަން ރުފިޔާގެ ބިލުތަކަށް، ކުރިއަށް އޮތް ދިހަ ވަރަކަށް ދުވަސްތެރޭ ފައިސާ ދީ ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގާރަ ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އަންގާރަ ދުވަހުގެ ރޭ ލ. ގަމުގައި ބޭއްވެވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ރައީސް ވިދާޅުވި ގޮތުގައި، މިކަމަކީ ކޮންމެ ޖަލްސާއެއްގައިހެން އެ މައުލޫމާތު ދެއްވަމުން ގެންދަވާ ކަމެއްކަމަށާއި، މިދިޔަ ސަރުކާރުން ފުނި ޖައްސާފައި ހުރި އެތައް ހާސް މިލިއަން ރުފިޔާގެ ބިލުތަކާއި، މިދިޔަ ތިރީހަކަށް ދުވަހާ ހަމައަށް ސަރުކާރަށް ލިބިފައި ހުރި ބިލުތައް، ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން ގޮސް، ބިލަށް ފައިސާ ދިނުމުގެ މަރުހަލާގައި ހުރި ހުރިހާ ބިލަކަށް ދާދި އަވަހަށް، ކުރިއަށް އޮތް ހަފްތާއެއް ނުވަތަ ދިހަވަރަކަށް ދުވަސް ތެރޭގައި، ފައިސާދީ ނިމޭނެކަމަށެވެ.
"އޭރުންވެސް، ދިވެހި އެތައް ރައްޔިތުންނެއްގެ ކުދިކުދި ކުންފުނިތައް، ކުދި އަދި މެދުފަންތީގެ ކުންފުނިތަކުން ކުރި މަސައްކަތަށް ފައިސާ ލިބުނީމާ، އެތައް ރައްޔިތުންނެއް މުއްސަނދިވެގެންދާނެ. އެކަންވެސް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ނިންމާނަން. އެއީ، ގާތްގަނޑަކަށް 2300 މިލިއަން ރުފިޔާ. 2.3 ބިލިއަން ރުފިޔާ. ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި އެބައި ދީ ނިންމަން،" ރައީސް ވިދާޅުވިއެވެ.
މި ފައިސާ ދިނުމުގެ ސަބަބުން، މަސައްކަތް ކުރި ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް ފައިސާ ލިބި، އެތައް ރައްޔިތުންނެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސް ވަނީ ހަމަ އެގޮތަށް، ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި، ގިނަ އަދަދެއްގެ ޕްރައިވެޓް ކޮންސްޓްރަކްޝަން ކުންފުނިތަކަށް ސަރުކާރުގެ އެތައް މަޝްރޫޢެއް ޤާނޫނާއި ގަވާއިދުގެ ތެރެއިން ހަވާލުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
އެ މަޝްރޫޢުތައް ހަވާލުކުރުމުގެ ސަބަބުންވެސް އެތައް ކުންފުންޏަކަށް ފައިސާ ލިބިގެންދާނެކަމަށާއި، އާންމު އެތައް ރައްޔިތުންނަކަށް، އެތައް އާއިލާތަކަކަށް، އޭގެ ސަބަބުން މުއްސަނދިކަމާއި ތަނަވަސްކަން ލިބި، އިޤްތިޞާދު ފުޅާވެ ކުރިއަރައިގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ، ރާއްޖޭގެ ދެވަނަ ނުވަތަ ތިންވަނަ އިންޑަސްޓްރީ ކަމަށެވެ.