logoEN
ޚަބަރު

ކެމިކަލް ރައްކާކުރާ ތަންތަން ބަލައި ފާސްކުރަނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

01 އޮކްޓޯބަރު 2024 - 07:50

ކެމިކަލް ރައްކާކުރާ ތަންތަން ބަލައި ފާސްކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސަސްއިން ކުރިއަށްގެންދާ "އޮޕަރޭޝަން ހިރާސް ފާސް" ފަށައިފިއެވެ.އޮޕަރޭޝަން ހިރާސް ފާސް ކުރިއަށްގެންދަނީ މާލެ ސަރަހައްދު 10 ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސަސްގެ ސިފައިންނާއި ދިވެހި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.އެމްއެންޑީއެފުން ޢާންމު ކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުގައިވާ ގޮތުން މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 7 ގުދަނާއި 7 ފިހާރައާއި 35 މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައިވެއެވެ.އެމްއެންޑީއެފުން ވިދާޅުވީ، އޮޕަރޭޝަން ހިރާސް ފާސްގެ ދަށުން ޢާންމުންނަށް ނުރައްކާވާގޮތަށް ކެމިކަލް ރައްކާކޮށް، ގަވާއިދާ ޚިލާފަށް ކެމިކަލްގެ ވިޔަފާރި ކުރަމުންދާ ތަންތަނަކީ ކޮބައިކަން ދެނެގަނެވޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި އަލިފާނުގެ ހާދިސާތަކަށް ނާޒުކުކޮށްހުރި ޢިމާރާތްތަކަކީ ކޮބައިކަންވެސް އޮޕަރޭޝަންގެ ދަށުން ދެނެގަނެވޭނެކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވިއެވެ.

މާލެ ސަރަހައްދުގައި ހުއްދަ ދީފައިވާ 285 ގުދަނެއް ހުރެއެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގައިހުރި 77 ގުދަނާއި ހުޅުމާލޭގައިހުރި 36 ގުދަނާއި ތިލަފުށީގައިހުރި 172 ގުދަނެވެ. ހިރާސް އޮޕަރޭޝަންގެ ދަށުން އެމްއެންޑީއެފުންދަނީ މި ތަންތަނުގައި އަލިފާން ނިއްވޭނެ ރަނގަޅު ގޮތެއް ހުރިތޯ ކަށަވަރުކުރަމުންނެވެ.ހިރާސް އޮޕަރޭޝަން ކުރިއަށްދާނީ މިމަހުގެ 1 އިން 15 ގެ ނިޔަލަށެވެ. މި އޮޕަރޭޝަނުގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސަސްގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި ދައުލަތުގެ 6 މުއައްސަސާއެއް ބައިވެރިވެއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder