ފީފާގެ ރައީސްއާއެކު ބޭއްވި ފޯރިގަދަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގެންފި
24 އޮކްޓޯބަރު 2025 - 13:54

ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ފޯރިގަދަ ފުޓުބޯޅައިގެ ހާއްސަ ފެސްޓިވަލްގައި ފީފާގެ ރައީސް އާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ބޭއްވި މި ފެސްޓިވަލްގައި ފީފާގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގެންނެވި ޚާއްސަ ފުޓުބޯޅަ މެޗެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އާއި، ވަޒީރުންގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންވެސް ވަނީ މި މެޗުގައި ބައިވެރިވެވަޑައިގެންފައެވެ.
އަދި ފީފާގެ ރައީސްގެ ޓީމުގައި އިޓަލީގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ މާކޯ މަޓަރާޒީގެ އިތުރުން، ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ނަންވިދާލި ގިނަ ޢަދަދެއްގެ ކުޅުންތެރިން ހިމެނިވަޑައިގަތެވެ. 6-4 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރައްވާފައިވަނީ، ފީފާގެ ރައީސް އިންފަންޓީނޯގެ ޓީމުންނެވެ.

Ad by Hajj Corporation
މިއަދުގެ މެޗު ފެށުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ އާއި ފީފާގެ ރައީސް ވަނީ، ދިވެހި ފުޓުބޯޅައިގެ ޑައިމަންޑް ޖުބިލީ ލޯގޯ އިފުތިތާޙުކޮށްދެއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ފީފާގެ ރައީސް އަދި މެޗުގައި ބައިވެރިވެވަޑައިގެންނެވި މަޝްހޫރު ކުޅުންތެރިން ވަނީ، ކިޑްސް ފުޓްބޯލް ފެސްޓިވަލްގައި ބައިވެރިވާ ޓީމްތަކުގެ ކުދިންނަށް އޮޓޯގްރާފް ދެއްވާފައެވެ.
ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ފުޓުބޯޅަ މުބާރާތްތައް ބާއްވަން ފަށާފައިވަނީ 1950 ވަނަ އަހަރު އުފެއްދެވި، ކުޅިވަރު މުންތަޡިމްގެ ބެލެނިވެރިކަމުގައެވެ. އަދި 1982 ވަނަ އަހަރު އުފެއްދެވި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް)، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް (ފީފާ) ގެ މެންބަރު އެސޯސިއޭޝަނަކަށް ވެފައިވަނީ 1986 ވަނަ އަހަރުގައެވެ.
ދިވެހިރާއްޖޭގައި ކުޅިވަރުގެ ބިނާރު ހަރުދަނާކުރައްވައި، ކުޅިވަރު ކުޅުންތެރިނަށް ފުރުޞަތުތައް ފަހިކުރައްވައި، ހަށިހެޔޮ މުޖުތަމަޢެއް ބިނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ސިޔާސަތެކެވެ.
މި ފެސްޓިވަލްގެ ތެރެއިން ދިވެހިރާއްޖޭގައި ފުޓްބޯޅަ ކުޅޭތާ 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް ރަސްމީ ސިއްކައިގެ ގޮތުގައި ބޭނުންކުރުމަށާއި، މި މުނާސަބަތު ފާހަގަ ކުރުމަށް އިންތިޒާމްކޮށްގެން ބާއްވާ މުބާރާތްތަކާއި، އެކިއެކި ހަރަކާތްތަކާއި ރަސްމިއްޔާތުތަކުގައި ބޭނުންކުރާ ލޯގޯ ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި މި ފެސްޓިވަލްގައި ލޯގޯ އިފްތިތާހުކޮށްދެއްވީ ފީފާގެ ރައީސް އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ރާއްޖޭގެ ފުޓުބޯޅައިގެ އަލިމަސްޔޫބީލް ފާހަގަކުރުމަށް އެފްއޭއެމްއިން އެކުލަވާލި ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސާފައިވަނީ ގައުމީ ޓީމުގެ ކުރީގެ ކޯޗު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މިހާރުގެ ކޯޗު ސުޒެއިންއެވެ.


