ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމާއި ގުޅޭގޮތުން ފީފާގެ ރައީސް އާއި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފި
24 އޮކްޓޯބަރު 2025 - 13:48

ފުޓްބޯޅަގެ ބައިނަލްއަޤްވާމީ އިދާރާ (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި، ދެބޭފުޅުން ވަނީ ރާއްޖޭގެ ފުޓްބޯޅަ ތަރައްޤީކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރައްވައިފިއެވެ. ކަމިބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ އިންފަންޓީނޯއަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވުމަށް ވަގުތު ދެއްވީތީ އިޚްލާޞްތެރި ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ ފުޓްބޯޅަ ތަރައްޤީކުރުމަށް ދެއްވާ އަހަމިއްޔަތަށް ޝުކުރުއަދާކޮށްފައެވެ. ރައީސް ވިދާޅުވީ ފުޓްބޯޅައަކީ ރާއްޖޭގެ އެންމެ މަޤުބޫލު ކުޅިވަރުގެ އިތުރުން، ރައްޔިތުން ގުޅުވާލާ އެއްބައިވަންތަކަމުގެ ބާރެއް ކަމުގައެވެ. އަދި މި އަހަރާއި އަންނަ އަހަރު ރާއްޖޭގެ އެކި ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ އުމްރާނީ މަޝްރޫޢުތަކުގެ ތަފްޞީލު ހިއްސާކުރައްވާފައިވެއެވެ.

Ad by Hajj Corporation
ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އަދި އެ ޖަމިއްޔާގެ އިސްވެރިންނަށް ކުޅިވަރު ކުރިއެރުވުމަށް އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އަރުވައި، ސަރުކާރުގެ ފަރާތުން ފުޓްބޯޅައަށް ދޭ ސަމާލުކަން ފާހަގަކުރައްވާފައެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވި ގޮންޖެހުންތަކަށް ވިސްނާލައްވާ ކަމަށާއި، ނަމަވެސް މިހާރު ފެންނަމުންދާ ކުރިއެރުންތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ވަނީ އެފްއޭއެމްގެ އާ އިސްވެރިންގެ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، ފީފާގެ ހިއްސާ އަބަދުވެސް ލިބޭނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.
އިންފަންޓީނޯ ވިދާޅުވީ ޒުވާން ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް ދުނިޔޭގެ މަސްރަހުގައި ވިދާލުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ. " ރާއްޖޭގެ ފުރިހަމަ ރީތިކަމުގެ ސަބަބުން ނޫން. ފުޓްބޯޅައިން ހޯދާ ކާމިޔާބީތަކުގެ ސަބަބުން ވެސް މި ޤައުމު ފާހަގަވެގެންދާނެ،" އިންފަންޓީނޯ ފާހަގަކުރެއްވިއެވެ. ބައްދަލުވުން ނިންމަވާލައްވަމުން، ދެ ބޭފުޅުން ވެސް ވަނީ ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ހަރުދަނާކުރުމާއި، އެފްއޭއެމްގެ ކުރިއެރުމަށް އެކުގައި މަސައްކަތްކުރުމަށް ދެފަރާތުން ގުޅިގެން ކުރިޔަށްދިޔުމާއި ގުޅޭގޮތުން ޥާހަކަދައްކާފައިވެއެވެ.


