ސިނގިރޭޓު ވައްކަން: ދިގަލި ޝަރީޢަތް ނިމެންދެން ބަންދަށް، އިތުރު 3 މީހަކު ހައްޔަރުކޮށްފި
25 އޮކްޓޯބަރު 2025 - 13:49

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި އެންމެފުރަތަމަ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރެދީފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، ދިގަލީގެ ބަންދާމެދު ގޮތެއް ނިންމުމަށް 2 ވަނަ ފަހަރަށް ހާޒިރު ކުރުމުން ޝައީޢަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ނެރެދީފައިވާ ކަމަށެވެ. ދިގަލި ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ މި މަހުގެ 15 ވަނަ ދުވަހު ބަންދަން ދިން 10 ދުވަހުގެ މުއްދަތު މިއަދަށް ހަމަވާތީ ކޯޓަށް ގެންދިއުމުންނެވެ.

Ad by Hajj Corporation
އޭނާގެ މައްޗަށް ކުރަނީ "ވައްކަމަށް" ފަންޑުކުރި ކަމަށް ތުހުމަތެވެ.
އޮފިސަރު އިތުރަށް ވިދާޅުވީ، މި މައްސަލައިގައި އިތުރު ތިން މީހަކު ވެސް އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއި ހދ. ވައިކަރަދޫ، ނޫރަލީގެ އުމުރުން 42 އަހަރުގެ އަހުމަދު ޝަމީމާއި ހ. ރުމޭނިއާ، އުމުރުން 35 އަހަރުގެ އަހުމަދު ފިރުޝާންގެ އިތުރުން އައްޑޫ ހިތަދޫ، ޗާންދަނީގޭ 35 އަހަރުގެ ހުސައިން ސާމިހެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާަޒިރު ކުރުމުން އަޙްމަދު ޝަހީމާއި ޙުސައިން ސާމިޙު 7 ދުވަހަށް ބަންދު ކުރުމަށް އަދި އަޙްމަދު ފިރުސާން 5 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ގެންދިޔަ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ޖުމުލަ ނުވަ މީހަކު ވަނީ ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހާފައެވެ.
އެއީ ދިގަލިއާއި އިއްޔެ ހައްޔަރުކުރި ތިން މީހުންގެ އިތުރުން، ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި ކަސްޓަމްސްގެ އިސް މުވައްޒަފެއްކަމަށްވާ ޒިވާރު އިސްމާއިލްގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓެއްގެ މަގާމުގައި ހުރި މުއާޒް އަލީއާއި ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދު އަދި ހަސަން އަބްދުއްރަހްމާނެވެ.
މި މައްސަލަ މިހާތަނަށް 12 މީހަކު ފުރުން ވެސް އޮތީ މަނާކޮށްފައެވެ.


