logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ އަތޮޅު މުބާރާތަށް ފީފާގެ މާލީ ބޮޑު އެހީއެއް

ޢައްފާން މުޙައްމަދު
26 އޮކްޓޯބަރު 2025 - 05:34
ރާއްޖޭގެ އަތޮޅު މުބާރާތަށް ފީފާގެ މާލީ ބޮޑު އެހީއެއް

ދިވެހި ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރަމުން އަންނަ މަސައްކަތަށް އެހީވުމުގެ ގޮތުން، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން މާލީގޮތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭން ނިންމައިފިއެވެ.

އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) ގެ ދައުވަތަކަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މިދިޔަ ހުކުރު ދުވަހު ރާއްޖެ ވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދަތުރުފުޅުގެ ތެރެއިން އޭނާ ވަނީ ރައީސުލްޖުމްހޫރި ޑރ. މުޙައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި، ދިވެހި ފުޓުބޯޅަ ކުރިއެރުވުމަށް މިހާރު ކުރެވެމުންދާ ކާމިޔާބު މަސައްކަތް ފާހަގަކުރައްވައި، ފީފާގެ އެހީތެރިކަމާއި އެއްބާރުލުން މި މަސައްކަތަށް ލިބޭނެކަން ހާމަކުރައްވާފައެވެ.

ފީފާޣެ ރައީސްގެ މި ދަތުރުފުޅާ ދިމާކޮށް، އެފްއޭއެމް އިން ވަނީ، ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް އަތޮޅުތަކުގެ ޓީމުތަކަށް އާދެވޭ ގޮތަަށް އެކުލަވާލި އެޓޯލް ޗެމްޕިއަންޝިޕަށް ފީފާގެ ސަޕޯޓަށް އެދިފަ އެވެ.

ފީފާއިން އެ އިދާރާގެ ވެބްސައިޓުގައި ބުނެފައި ވަނީ، އެޓޯލް ޗެމްޕިއަންޝިޕަށް ފީފާ އިން 266،000 ޑޮލަރު ދޭން ނިންމާފައިވާ ކަމަށެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ، 4.1 މިލިއަން ރުފިޔާއެވެ.

އެފްއޭއެމް އިން އެޓޯލް ޗެމްޕިއަންޝިޕްގެ ފޯމެޓް ރާވާފައިވާ ގޮތަކީ ފީފާ ފޯވާޑްގެ ރުހުން ލިބިފައިވާ އޮނިގަނޑެކެވެ. އެ ގޮތުން، އަތޮޅު ބުރު ނިމުމަށް ފަހު، 18 ދަނޑެއްގައި، ނޮކައުޓް ބުރުގެ މެޗުތަކެއް ކުޅެވިގެންދާނެ އެވެ.

އެފްއޭއެމުން އިއުލާނުކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށްދާނީ، ހަތަރު ޒޯނަކަށް ރާއްޖެ ބަހާލައިގެންނެވެ. އެގޮތުން ނޯތު ރީޖަންގައި ހިމެނެނީ، ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ އެވެ. އަދި، ސެންޓްރަލް ރީޖަންގައި ހިމެނެނީ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ، މާލެ ރީޖަން އެވެ. އެއީ، މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކެވެ.

އެފްއޭއެމުން އިއުލާނުކޮށްފައިވާ ސީޒަން ކަލަންޑަރުގައިވާ ގޮތުން، ހުރިހާ އަތޮޅު މުބާރާތެއްގެ ޗެމްޕިއަން ކަނޑައެޅުމާއި ރީޖަނަލް ލީގުތަކުގެ ޗެމްޕިއަން، އަންނަ އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު ނިމުމުގެ ކުރިން، ކަނޑައެޅިގެންދާނެ އެވެ. އަދި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން އޮންނާނީ އަންނަ އަހަރުގެ މެއި މަހުގަ އެވެ.

މި ސީޒަނުން ފެށިގެން، ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަ ޓީމަކަށް 2026/2027 ގެ ލީގުން ޖާގަ ކަށަވަރުވާއިރު، ފުލަށް ދާ ދެ ޓީމެއް، ރީޖަނަލް ލީގުގެ މާލެ ލީގަށް (މިހާރުގެ ސެކަންޑް ޑިވިޝަނަށް) އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ކުޅޭނީ މާލެ ލީގުގެ ކޮލިފިކޭޝަން ބުރުގަ އެވެ.

ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނީ، ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ނޯތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގަ އެވެ. މީގެ ތެރެއިން، ގަދަ ހަތަރު ޓީމެއް، 2026/2027 ގެ ލީގަށް ކޮލިފައިވާނެ އެވެ.

އަތޮޅު ލީގުގެ އިތުރުން، ދުވަސްތަކަކަށް ފަހު ފަށާ އަންހެން ފުޓްބޯޅަ މުބާރާތަށް ވެސް ފީފާ ފޯވަޑް ޕްރޮޖެކްޓްގެ ދަށުން އެހީތެރިވާނެ ކަމުގެ ޔަގީންކަން ފީފާއިން ވަނީ ދީފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އަތޮޅު މުބާރާތަށް ފީފާގެ މާލީ ބޮޑު އެހީއެއްޚަބަރު | 8 ގަޑިއިރު ކުރިންތައިލޭންޑުގެ ރަސްގެފާނުގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | ދުވަހެއް ކުރިންރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން ފީފާއިންދޭ އެއްބާރުލުމަށް ރައީސްގެ ޝުކުރުޚަބަރު | ދުވަހެއް ކުރިންފީފާގެ ރައީސްއާއެކު ބޭއްވި ފޯރިގަދަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގެންފިޚަބަރު | 2 ދުވަސް ކުރިން