އަޚުލާޤު ރަނގަޅު ޖީލެއް އުފެއްދުމަކީ, ޤައުމަށް ކުރިއެރުން ގެނެސްދޭނެ ޖީލެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއް: ފަސްޓް ލޭޑީ
26 އޮކްޓޯބަރު 2025 - 09:41

އަޚުލާޤު ރަނގަޅު، ހަރުދަނާ އަދި ޒިންމާދާރު ޖީލެއް އުފެއްދުމަކީ އުފާވެރި މުސްތަޤުބަލެއް ޙާޞިލުކުރުމަށާއި، ޤައުމަށް އުފެއްދުންތެރިކަމާއި ކުރިއެރުން ގެނެސްދޭނެ ޖީލެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ކްލިކް ކޮލެޖްގެ ރިހިޔޫބީލް ފާހަގަކުރުމަށް، ރޭ މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
އެކަމަނާ އިތުރަށް ވިދާޅުވީ،ޤައުމެއް ބިނާކުރުމުގެ މައިގަނޑު މަގުސަދަކީ، އެޤައުމެއްގެ ރައްޔިތުންގެ ވިސްނުމާއި ހުނަރު ބޭނުންކޮށްގެން އަމިއްލަ ސަލާމަތް ހޯދުމުގެ ޤާބިލުކަން ލިބިދިނުން ކަމަށާއި،ތަޢުލީމީ ނިޒާމުގައި ޞިއްޙަތު، އައު ވިސްނުންތައް، އަދި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމަށް އިސްކަންދެވެނީ ދަރިވަރުންގެ ފިކުރީ އަދި ޢަމަލީ ޤާބިލިއްޔަތު ކުރިއެރުވުމަށްކަމަށެވެ.މީގެއިތުރުން، އުފެއްދުންތެރިކަން، ވިޔަފާރި، އަދި ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމްރީނުކުރެވެނީ ޤައުމުގެ މުސްތަޤުބަލު ބިނާކުރުމަށް ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
އަދި އެ ޖީލުގެ ސަބަބުން އަމާންކަމާއި ރައްކާތެރިކަން، އޭގެ ހުރިހާ މާނައެއްގައި ޔަގީންކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖޭގައި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ތަޢުލީމުގައިވެސް އަދި ސަރުކާރުން ދެމުން ގެންދާ ތަޢުލީމުގައިވެސް މި މުހިންމު އަސާސްތައް ދެމެހެއްޓިފައިވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، ދިވެހީންގެ ބަހާއި ސަޤާފަތާއި އާދަކާދަތަކަށް ކަމޭހިތާ، ޒަމާނަށް ލޯހުޅުވިފައިވާ، އުފެއްދުންތެރި، ނަޒާހަތްތެރި ޖީލެއް ބިނާވެގެން އައުމަށް އުއްމީދު އައުކުރައްވަމުންނެވެ.


