މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ޙުސްނީ މުބާރިކް
27 އޮކްޓޯބަރު 2025 - 06:46
.webp&w=3840&q=75)
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކުގެ ނަން ފާސްކޮށްފިއެވެ.
މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ މެމްބަރުގެ މަގާމު ހުސްވީ ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެމްބަރު އަލްއުސްތާޛު ޙުސައިން ރިޒާ އަދާމް އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ޖޭއެސްސީގައި 10 މެމްބަރުން ތިއްބަވާއިރު ޖޭއެސްސީގެ ރައީސްއަކަށް ހުންނެވީވެސް ރިޒާއެވެ.

Ad by Hajj Corporation
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ޖޭއެސްސީގެ މެންބަރުކަމަށް، މަޖިލިސް މެންބަރެއްގެ ނަން ހުށަހެޅުމަށް ރިޔާސަތުން ހުށަހެޅި 30 މިނެޓުގެ ފުރުސަތުގައި ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ މެމްބަރު ހުސްނީގެ ނަން ހުށަހަޅުއްވާފައެވެ. މެމްބަރު ފަލާހުގެ ހުށަހެޅުއްވުމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވަނީ ތާއީދު ކުރައްވާފައެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ޙުސްނީ މުބާރިކް ކަނޑައެޅުމަށް ނެގި ވޯޓުގައި އެ މަޤާމަށް އޭނާ އައްޔަންކުރަން ފެންނަކަމަށް 58 މެންބަރުން ވޯޓުދެއްވިއެވެ.
ޖޭއެސްސީ ރައީސްކަމަށް ރިޟާ އިންތިޚާބުކުރީ ޖޫން މަހުގެ 12 ވަަނަ ދުވަހުއެވެ.
ގާނޫނު އަސާސީގައި ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެމްބަރަކު ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ތިއްބަވާނެ އެވެ. އެގޮތުން، މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރު ކަމަށް މެމްބަރު ރިޒާ އައްޔަންކުރަން މަޖިލީހުން ފާސްކުރީ 3 ޖޫން 2024 ގައެވެ. ޖެހިގެން އައި 4 ޖޫން 2024 ގައި އޭނާ ވަނީ އެ ކޮމިޝަނަށް ރަސްމީކޮށް ޢައްޔަނުކޮށްފައެވެ.
މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރެއްގެ އިތުރުން ޖޭއެސްސީގައި ދެން ތިއްބަވާނީ ރައީސްގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ދަށު ކޯޓުގެ ފަނޑިޔާރަކާއި ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލަކާއި އާންމުންގެ ތެރެއިން މެމްބަރެކެވެ.
ކޮމިޝަނުގެ ގާނޫނު ބުނާގޮތުން އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގެ މުއްދަތު ހަމަވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން މީހަކު އައްޔަންކުރަންޖެހޭނެއެވެ.


