ގާޒާގައި އދ. ގެ ސުލްހަ ބަލަހައްޓާ ސިފައިންނާ ގުޅެން މެލޭޝިއާ ތައްޔާރު: އަންވަރު
27 އޮކްޓޯބަރު 2025 - 11:19

ގާޒާގައި އ.ދ. ގެ ސުލްހަ މަސައްކަތުގައި ބައިވެރިވުމަށް އެ ޤައުމު ތައްޔާރަށް އޮތް ކަމަށް ލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް، އާދިއްތަ ދުވަހު ވިދާޅުވެއްޖެއެވެ.
މިކަން އެމަނިކުފާނު ހާމަކުރެއްވީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސްއާއެކު ކުއާލަލަމްޕޫރުގައި ބޭއްވި ބައްދަކުކުރެއްވުމުގައެވެ.

Ad by Hajj Corporation
47 ވަނަ އާސިއާން ސަމިޓުގެ ހަވާސާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މެލޭޝިޔާއިން ދިން މި ޔަގީންކަމަކީ އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯ.އައި.ސީ) ގެ މެމްބަރު ޤައުމުތައް ވެސް ހިމެނޭ ގޮތަށް އެހެން ޤައުމުތަކާ ގުޅިގެން ގާޒާގައި ސުލްހަ މަސައްކަތުގައި ބައިވެރިވުމަށް ދީފައިވާ ޔަޤީންކަމެކެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި އަންވަރު އިބްރާހިމް ވިދާޅުވީ، މެލޭޝިއާއިން ފަލަސްޠީނުގެ މައްސަލައިގައި އެ ޤައުމުގެ ހަރުދަނާ މައުޤަފު ތަކުރާރުކޮށް، އދ. ގެ އެއްގޮތް މައުޤަފަށާއި ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުގެ ނިންމުމަށް މަރުޙަބާ ކިޔާ ކަމަށެވެ. އެ ނިންމުމުގައި ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއްކަމަށް ވަނީ ކަނޑައަޅާފައެވެ. ގާޒާގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓުވައި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މަސްއޫލިއްޔަތު މައްޗަށް މެލޭޝިއާއިން ވަނީ އަލިއަޅުވާލާފައެވެ.
މި ބައްދަލުވުމުގައި ބޮޑުވަޒީރު އަންވަރާއި ސެކްރެޓަރީ ޖެނެރަލް ގުޓެރެސް ވަނީ ސަރަޙައްދީ އެކި މައްސަލަތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން، ތައިލެންޑާއި ކެމްބޯޑިއާގެ މެދުގައި ސުލްހަ ވެރިކަން ގާއިމުކުރުމަށް އާސިއާންގެ ޗެއަރގެ ހައިސިއްޔަތުން މެލޭޝިއާގެ ދައުރާއި، މިޔަންމާގައި އެކުލެވޭ މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި މެލޭޝިއާގެ ދައުރާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފައިވެއެވެ.
ގާޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޢަމަލުކުރަން ފެށީ 10 އޮކްޓޯބަރުގައެވެ. މިއީ އެމެރިކާގެ 20 ނުކުތާގެ ޕްލޭނެއްގެ ދަށުން، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މެދުވެރިކަމާއެކު ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.
ގާޒާގެ ސިއްޙީ ވުޒާރާއިން ދިން މަޢުލޫމާތުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި 68,500 އަށްވުރެ ގިނަ ފަލަސްޠީނުން ޝަހީދުވެ، 170,300 އަށްވުރެ ގިނަ މީހުންނަށް ޒަޚަމުވެފައިވެއެވެ.


