ކާނާގެ ޔަޤީކަން ކަށަވަރު ކުރުމަށް ކާށިދޫގެ ބިމެއް ހަވާލުކޮށްފި
28 އޮކްޓޯބަރު 2025 - 06:25

ކާނާގެ ޔަޤީންކަން އިތުރު ކުރުމަށް ކ. ކާށިދޫގެ ބިމުން 1 ހެކްޓަރުގެ ބިން ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު ކާށިދޫގައި ބޭއްވި ރަސްމިއްޔާތުގައި ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ދަނޑުވެރިކަމާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ. އަދި ކާށިދޫ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރުއެވެ.

Ad by Hajj Corporation
ފުޑް ސެކިއުރިޓީގެ މައިގަނޑު އަށް މަގުސަދެއް، ވުޒާރާއިން ހާމަކޮށްފައިވެއެވެ. އެއީ:
• މޫސުމާ ރައްޓެހި އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކުރުން
• ރަށު ފެންވަރުގައި ކާބޯތަކެތީގެ ހަރުދަނާ ނިޒާމުތަކެއް ޤާއިމުކޮށް، ބޭރުން އެތެރެކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވާ މިންވަރު މަދުކުރުން
• ދަނޑުވެރިކަމުގެ ދާއިރާގައި ތަމްރީނު، ވަޒީފާ އަދި ވިޔަފާރީގެ ފުރުޞަތުތައް މެދުވެރިކޮށް އިޤްތިޞާދީ ގޮތުން އެންމެންގެ ބައިވެރިވުން އިތުރުކުރުން
• އަގުހެޔޮ، ޞިއްޙަތަށް ފައިދާހުރި އަދި ތާޒާ ކާބޯތަކެތި ލިބުމުގެ ފުރުޞަތު ފަހިކޮށްދީގެން ކެއުމުގެ ރައްކާތެރިކަން އިތުރުކުރުން
• އިޤްތިޞާދީ، އިޖްތިމާޢީ އަދި ކެއުމުގެ ރައްކާތެރިކަމުގެ ގޮތުން ރަށުގެ މުޖުތަމަޢަށް މިންކުރެވޭ ފައިދާތަކެއް ފޯރުކޮށްދިނުން. މީގެ ތެރޭގައި ހިމެނެނީ:
• ކ. ކާށިދޫގެ ޒުވާނުންނާއި، އަންހެނުންނާއި، އަދި ރަށުގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ދަނޑުވެރިކަމާއި، ވިޔަފާރީގެ ހުނަރުތަކާއި، އަދި ޓެކްނޮލޮޖީ ބޭނުންކުރުމަށް އަމާޒުކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމްތައް
• މުޖުތަމަޢުގެ މައްޗަށް ބިނާކޮށްގެން ހިންގޭ ކޯޕަރޭޓިވްތަކާއި ނުވަތަ ހިންގުމުގެ އިދާރާތައް އުފެއްދުން
• ކެއުމުގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި އާދަތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތައް ހިންގުން
ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމަށް ސަރުކާރުން އިސްކަންދީގެން ފަށާފައިވާ، ފުޑް ސެކިއުރިޓީ މަޝްރޫޢުގެދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުން ދޫކުރާ ބިންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު މަންފާއެއް ކުރާނެކަން، ކާށިދޫ ރައްޔިތުންނާ ބައްދަލިކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކާށިދޫގައި ފެށޭ މި މަޝްރޫޢުގެ ސަބަބުން ކާށިދޫގެ އިޤްތިޞާދަށްވެސް މަންފާކުރާނެކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.


