ރައީސްގެ ރޯދަ ހަދިޔާ: އިދިކޮޅު ފަރާތްތަކަށް ހަޖަމު ނުވަނީ ރައްޔިތުންނަށް މަންފާކުރާތީ: އިނާޒު
2 ފެބްރުއަރީ 2026 - 13:17

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ރަމަޟާން މަހަށް ހާއްސަކޮށްދޭ 'ރޯދަ ހަދިޔާ' ސިޔާސީ އިދިކޮޅު ފަރާތްތަކަށް ހަޖަމު ނުވަނީ ރައްޔިތުންނަށް މަންފާ ކުރާތީ ކަމުގައި ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް ގެ ޑެޕިއުޓީ މިނިސްޓަރ އިނާޒު އަލީ ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ 'މައުޟޫ' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަބަދުވެސް އެކަހަލަ ވާހަކަދައްކާނެ ކަމަށާއި އެކަމާ އެއްވެސް ވަރަކަށް ޖެހިލުމެއް ނުވާ ކަމަށެވެ.

Ad by Hajj Corporation
އިނާޒު ވިދާޅުވީ ރާއްޖޭގައި މަސްދަޅު ބަންދުކޮށް ވިއްކާތާ ވިހި، ތިރީސް އަހަރުވެއްޖެ ކަމަށާއި ރާއްޖޭގެ ވަރަށްގިނަ ވެރިކަން ފާއިތުވެ ދިޔައިރުވެސް، ދިވެހި ކޮންމެ ގޭބިސީއަކަށް މަސްދަޅުކޭހެއް ދޭން އެއްވެސް ވެރިއަކަށް ކެރިވަޑައިނުގެންނެވިކަމަށެވެ.
އެހެންވީމަ އެފަރާތްތަކުން އެކަން މިއަދު ސިޔާސީ ކުރާނެ ކަމަށާއި އެއީ ސިޔާސީ ފަރާތްތަކުގެ ކަންކަން ހުންނަގޮތް ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިކަމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑަށް ވިސްނަވާފަ ފެއްޓެވިކަމެއް ކަމަށާއި ރަމަޟާން މަހާ ދިމާކޮށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ރައްޔިތުންނަށް ކަންކަން ކޮށްދެއްވަނީ އެމަނިކުފާނަކީ ރައްޔިތުންދެކެ ލޯބިވާ ބޭފުޅެއްވީމާ ކަމުގައި ވެސް އިނާޒު ވިދާޅުވިއެވެ.
އިނާޒު އިތުރަށް ވިދާޅުވީ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް މީގެ މަންފާކުރާނެ ކަމެއް ކަމަށާއި ސިޔާސީ ފަރާތްތަކުން ކަންބޮޑުވާ ކަމަކީ އެއީ ކަމަށެވެ. އަދި މިއަހަރުގެ ރަމަޟާން މަހު ކަރަންޓު ބިލަށް ވެސް ހެޔޮ ބަދަލެއް ގެނެސްދެއްވާފައިވާއިރު، މިއީ އާންމު ރައްޔިތުންނަށް ވަރަށްބޮޑަށް ގުޅިފަހުރި ކަންކަން ކަމުގައި ތަކުރާރުކުރެއްވިއެވެ.
އިނާޒު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ކޮންމެ ކަމެއްވެސް ކުރައްވަނީ ދިވެހި ރައްޔިތުންގެ ލާބައާ މަންފާއަށް ކަމަށެވެ.


