ސްޓެލްކޯއިން ދިއްފުށީގައި ޤާއިމްކޮށްފައިވާ އައު އިންޖީނުގެ ހުޅުވައިފި
28 އޮކްޓޯބަރު 2025 - 06:56

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކ. ދިއްފުއްޓަށް ވަޑައިގެން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އެ ރަށުގައި ޤާއިމްކޮށްފައިވާ އައު އިންޖީނުގެ ހުޅުއްވައިދެއްވައިފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާޙް ރަޝީދު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation
މި މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. ސްޓެލްކޯއިން ބުނީ މަސައްކަތް ނިންމާލާފައިވަނީ ކަނޑައެޅިފައިވާ ތާވަލަށްވުރެ އަވަހަށްކަމަށެވެ.
މި މަސައްކަތަކީ 12.5 މިލިއަން ރުފިޔާއަށް ސަންވިލް ޕވޓ ލޓޑ އާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ.
ދިއްފުށީގެ ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 2.2 މެގަވޮޓެވެ. ނަަމަވެސް އައު އިންޖީނުގޭގެ އިންސްޓޯލަބަލް ކެޕޭސިޓީއަކީ 7 މެގަވޮޓްކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
އައު އިންޖީނުގޭގައި އިންޖީން ރޫމާއި ކޮންޓްރޯލް ރޫމްގެ އިތުރުން އޮފީސް ބަޔަކާއި، އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ.


