ސްޓެލްކޯއާ ހަވާލުކޮށްގެން ތުލުސްދޫގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އިފްތިތާޙްކޮށްފި
28 އޮކްޓޯބަރު 2025 - 11:04

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކ. ތުލުސްދޫއަށް ވަޑައިގެން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަވާލުކޮށްގެން އެ ރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އިފްތިތާޙްކޮށްދެއްވައިފިއެވެ.
މި މަސައްކަތަކީ މިނިސްޓްރީ އޮފް ކޮންސްތްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސްޓެލްކޯއާ ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތެކެވެ.މި މަޝްރޫޢު އިފްތިތާޙްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާޙް ރަޝީދު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation
މި މަޝްރޫޢުގެ ދަށުން ވަނީ 4 ވަޞީލަތެއް ޤާއިމްކޮށްފައެވެ.އެ ވަސީލަތްތަކަކީ،200 ޓަނުގެ 2 އާރޯ ޕްލާންޓް،1400 ޓަނުގެ 2 އާރޯ ޓޭންކް އަދި ،1200 ޓަނުގެ 1 އާރް ޑަބްލިޔު ޓޭންކް ގެ އިތުރުން 17،336 މީޓަރުގެ ނެތްވަރކް ލައިން އެވެ. އަދި މި މަޝްރޫޢުގެ ދަށުން ޖުމްލަ 350 ގެއަކަށް ވަނީ ފެނުގެ ޚިދުމަތް ދީފައެވެ.
ކ. ތުލުސްދޫގެ ފެނުގެ ނިޒާމް ފަރުމާކޮށް ޤާއިމްކުރަން ފެށީ 29 ޑިސެމްބަރ 2021 ގައެވެ.އަދި މި މަސައްކަތް މިމަހުގެ 19 ދުވަހު ކޮމިޝަންކޮށް މިއަދު މިވަނީ މި ޚިދުމަތް ދޭން ފަށާފައެވެ. ސްޓެލްކޯ އިން މި މަސައްކަތައް ކަނޑައަޅާފައިވާ އަގަކީ 50،888،210.00 ދިވެހި ރުފިޔާއެވެ.


