ތާރީޚީ ކާމިޔާބީއެއް ހާސިލްވި ދަތުރުފުޅަށްފަހު ރައީސް މާލެއަށް
28 އޮކްޓޯބަރު 2025 - 13:31

ފާދިއްޕޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށާއި މާލެއަތޮޅުގައި މީހުން ދިރިއުޅޭ ތިން ރަށަކަށް ކުރެއްވި 2 ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ހިންނަވަރު، ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓަށް ވަޑައިގެންނެވުމަށްފަހު، ދެން ދަތުރުފުޅުކުރެއްވީ، ރަސްމީ ހައިސިއްޔަތުން މާލެއަތޮޅުގައި ވަޑައިނުގެންނެވި އޮތް 3 ރަށްކަމުގައިވާ ކާށިދޫ، ދިއްފުށި އަދި ތުލުސްދޫއަށެވެ.

Ad by Hajj Corporation
އެގޮތުން ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅާއެކު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، އެންމެ 1 އަހަރާ 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައި ރައީސް ވަނީ، ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ރެކޯޑް މުއްދަތެއްގެ ތެރޭގައި ދަތުރުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާ، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއެއްސެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައިވެސް އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، މަސައްކަތްތައް ފައްޓަވައި، ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ. މީގެއިތުރުން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްވެސް ފައްޓަވާފައިވެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމާއި، ޞިއްޙަތާއި، ހަށިހެޔޮކަމާއި ގުޅުންހުރި ބައެއް މަސައްކަތްތަކާއި، މަޝްރޫޢުތަކުގެ އަމަލީ މަސައްކަތްތައްވެސް ވަނީ ފައްޓަވާފައެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދެއް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ.


