މިއީ ކުޑަ ބަޖެޓެއް، ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދާނުލާ ބަޖެޓުގެ ޖުމްލަ އަދަދަކީ 55 ބިލިއަން ރުފިޔާ: ރައީސް
30 އޮކްޓޯބަރު 2025 - 09:45

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ނިމިގެންމިދާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއްކަމަށާއި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދާނުލާ މި ބަޖެޓުގެ ޖުމްލަ އަދަދަކީ 55 ބިލިއަން ރުފިޔާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓުގެ ތަފްސީލު ދެއްވަމުން ރައީސް ވަނީ ސަރުކާރުން މިއަންނަ އަހަރަށް ލަފާކޮށް މިއަދު ހުށައެޅި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއްކަން ފާހަގަކުރައްވާފައެވެ.
ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދާނުލާ 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާކަމަށް ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި) ރުފިޔާއެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގެ ނިސްބަތުން ބޮޑު އަދަދެއް، ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ވަނީ ހިމަނާފައެވެ.
އެގޮތުން ބަޖެޓުގެ އިތުރުވުމަކީ 2021 ވަނަ އަހަރުަ ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެކުރިން އިޝޫކުރި 100 މިލިއަން ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ޖެހިފައިވާތީ ދަރަނި ދެއްކުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން އައި އިތުރުވުމެކެވެ.
ހުށަހަޅާފައިވާ ބަޖެޓުން، ޚަރަދުގެ ގޮތުގައި 49.2 ބިލިޔަން ރުފިޔާ ހިނގާނެއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާއެވެ.
އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާ ކުރަނީ 40.4 ބިލިޔަން ރުފިޔާއެވެ. އަންނަ އަހަރު ޓެކުހުގެ ގޮތުގައި ދައުލަތަށް 31.3 ބިލިއަން ރުފިޔާ ކަމަށާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 8.7 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 އިންސައްތަ އެކަށަހަޅާފައިވަނީ ރިކަރެންޓު ޚަރަދަށެވެ.
2026 ވަނަ އަހަރު އިގުތިޞާދީ ދުވެލި 5.3 ޕަސެންޓު ކުރިއަރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމަށް ގިނަ ފިޔަވަޅުތަކެއް ހިމަނާފައިވާ ބަޖެޓެކވެ. އެގޮތުން މިސަރުކާރަށް ވާރުތަވި ބޮޑެތި ދަރަނިތަކުން ދިވެހިން ސަލާމަތްކޮށް، ވިސްނުންތެރި ސިޔާސަތުތަކެއްގެ ދަށުން މުސްތަގްބަލުގެ ޖީލުތަކަށް ބުރަ ބޮޑު ނުވާނެހެން ބަޖެޓުވަނީ ފަރުމާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.


