އަންނަ މަހުގެ 6 ވަނަ ދުވަހު ހުޅުމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށަނީ
31 އޮކްޓޯބަރު 2025 - 04:34

އަންނަ މަހުގެ 6 ވަނަ ދުވަހު ހުޅުމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
ހުޅުމާލެ ފޭސް 3 ގުޅީފަޅު، ގިވަރުފަޅު އަދި އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަޝްރޫއުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދުފުޅު ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމުގެ ވައުދުފުޅާ ގުޅިފައިވާ މުހިންމު މަސައްކަތްތަކެކެވެ. 
މި ބިންތައް ހިއްކުމުގެ މަޝްރޫޢުތައް ހަލުއިކުރުމަށްޓަކައި، މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި 45،000 (ސާޅީސް ފަސް ހާސް) ޓަނުގެ 2 (ދެއެއް) ހޮޕަރ ޑްރެޖަރއާއި 11،000 (އެގާރަ ހާސް) ޓަނުގެ ހޮޕަރ ޑްރެޖަރއެއް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ. 
އެޗްޑީސީން ބުނީ މި މަސައްކަތްތައް ހުއްޓުމެއްނެތި ވީހާވެސް ހަލުއިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވެދާނެ އިތުރު ގޮންޖެހުންތައް ކުރިއާލާ ދެނެގަނެ، އެކަންކަން ހައްލުކުރުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާކަމަށެވެ.

Ad by Hajj Corporation
މި ޑްރެޖަރތަކާއެކު މާލެ ސަރަހައްދުން ގޯތި ދޫކޮށްފައިވާ ސަރަހައްދުތަކުގެ ބިިންތައް ހިއްކުން އަވަސްވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ. އަދި ބިން ހިއްކާ ނިމުމާއެކު ގޯތިތައް ކަނޑާ ހަވާލުކުރުގެ މަސައްކަތްވެސް ކުރިއަށްގެންދާނެކަމަށް ސަރުކާރުން ބުނެ އެވެ.
ބޭނުން ޖެހިފައިވާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު ވައުދެވެ.


