logo
Bank of Maldives

Bank of Maldives

ޚަބަރު

ޤައުމަށްޓަކައި ޤުރްބާންވުމަކީ ޔުނީފޯމު އަޅައިގެން އެކަނި ކުރެވެން އޮތް ކަމެއްނޫން: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
3 ނޮވެމްބަރު 2025 - 14:43
''ޤައުމަށްޓަކައި ޤުރްބާންވުމަކީ ޔުނީފޯމު އަޅައިގެން އެކަނި ކުރެވެން އޮތް ކަމެއްނޫން''

ޤައުމަށްޓަކައި ޤުރްބާންވުމަކީ ޔުނީފޯމު އަޅައިގެން އެކަނި ކުރެވެން އޮތް ކަމެއްނޫން ކަމަށާއި، ކޮންމެ މީހަކު ވެސް މާތްﷲ ދެއްވާފައިވާ ސިކުނޑީގެ ބޭނުންކޮށް ޤައުމާއި ވަޠަނުގެ ދިފާޢުގައި މަސައްކަތްކުރާހާ ހިނދަކު، މި ޤައުމާމެދު ކަންބޮޑުވާކަށް ނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ، ޤައުމަށްޓަކައި ޤުރްބާންވުމަކީ ހަމައެކަނި ސިފައިންގެ ނުވަތަ ފުލުހުންގެ ޔުނީފޯމު އަޅައިގެން އެކަނި ކުރެވެން އޮތް ކަމެއް ނޫންކަން ފާހަގަކުރައްވައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިއަދުގެ ބަވަނަވެފައިވާ ދުނިޔޭގައި، ކުރީގައި ހަތިޔާރު ހިފައިގެން ކުރިމަތިލައިގެން މިނިވަންކަން ނަގާލުމަށް މަސައްކަތްކުރި ގޮތަށް ނޫންކަމަށާއި، މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤައުމުތަކުގެ މިނިވަންކަން ނިގުޅައިގަތުމަށް ހަރަކާތްތެރިވަމުންދާ ގޮތް ތަފާތުވެފައިވާ ކަމަށެވެ. މިއަދުގެ ޓެކްނޯލޮޖީގެ ޒަމާނުގައި، އަޅުގަނޑުމެން ޣާފިލްވެ، ނޭނގިތިއްބާ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ.

ދިވެހިވަންތަކަން، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނަށް އެކަނި ތަބާވެގެން ތިބި ބައެއްކަން، އަދި އެއްބަހަކުން ވާހަކަ ދައްކައި، އެއް ނަސްލަކަށް ނިސްބަތްވާ ބައެއްކަމީ އެހެން އެއްވެސް ޤައުމެއްގައި ނެތްފަދަ ޚާއްޞިއްޔަތުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މި އެއްބައެއްވަންތަކަން ނަގާލުމަކީ، މިހާރު ކަނޑިއާއި ބަޑި ހިފައިގެން އައިސް ކުރާނެ ކަމެއް ނޫންކަމަށާއި، އިޤްތިޞާދު ނައްތާލައި، ނުވަތަ ބޮޑު އަނދަވަޅަކަށް ވައްޓާލައި، ހުރިހާ ނަޒަރިއްޔާތަކުންވެސް މިނިވަންކަން ނިގުޅައިގަތުމަކީ ދާދި ފަސޭހަ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަމަށް އަޅުގަނޑުމެން ނުވިސްނާ ތިބެއްޖެނަމަ، މިފަދަ ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިކަމަށް ޢިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ކޮންމެ ދިވެހި ރައްޔިތެއްގެވެސް ފަޚުރެއް އަދި ޒިންމާއެއް ކަމުގައި، ތިމާގެ ފަރާތުންވެސް މި ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލު ޙިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޒިންމާއެއް އޮތްކަން ދެކެވަޑައިގަތުން މުހިންމު ކަމަށެވެ. ކޮންމެ މީހަކަށް ތަމްރީނުދީގެން ހަތިޔާރެއް ނުދެވޭނެ ނަމަވެސް، ކޮންމެ މީހެއްގެ އަތުގައިވެސް އެންމެ ބާރުގަދަ ހަތިޔާރު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ސިކުނޑިއާއި ވިސްނުން ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެ މީހެއްގެ ވިސްނުން ޤައުމާ އެއްކޮޅަށް ބޭނުންކުރަން ޢަޒުމް ކަނޑައަޅައި، އެގޮތުގައި ރެޔާއިދުވާލު އެ މީހާގެ ވިސްނުން ބަހައްޓައި، ހިތުގެއަޑިން ޤައުމުދެކެ ލޯބިވެ، ޤައުމާ އެއްކޮޅަށް ކަންކަން ކުރަން ޢަޒުމް ކަނޑައަޅައިގެން މަސައްކަތްކުރާހާ ހިނދަކު، މި ޤައުމާމެދު ކަންބޮޑުވާކަށް ނުޖެހޭނެ ކަމަށެވެ.

''އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލް، އިރާދަކުރެއްވިއްޔާ އޭރުން އޮންނާނީ އަބަދުވެސް ޙިމާޔަތްވެފައި. އަންނާން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކީ ފޯރުކޮށްދެވޭނެ.'' ރައީސް ވިދާޅުވެފަވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، މީދޫ އާއި ހުޅުދޫއަށް ވަކި ކައުންސިލްތަކެއް އުފެއްދުމަށް ނިންމަވައިފިޚަބަރު | 2 ގަޑިއިރު ކުރިންއައްޑޫ ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންއަންނަ އަހަރުގެ ބަޖެޓުގައި ވެސް ސަލާމަތީ ބާރުތައް ބޭނުންވާ ކަންކަން ކޮށްދިނުމަށް ބޮޑު އިސްކަމެއް ޚަބަރު | 8 ގަޑިއިރު ކުރިން''ޤައުމަށްޓަކައި ޤުރްބާންވުމަކީ ޔުނީފޯމު އަޅައިގެން އެކަނި ކުރެވެން އޮތް ކަމެއްނޫން''ޚަބަރު | 8 ގަޑިއިރު ކުރިން