ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓު
4 ނޮވެމްބަރު 2025 - 06:57

އަންނަ އަހަރަށް ލަފާ ކުރާ ދައުކަތުގެ ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓުގެ ވަގުތެއް ދިނުމަށް އާންމު ކޮމިޓީ ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އާއްމު ކޮމިޓީން ނިންމާފައިވަނި ބަޖެޓަށް ބަހުސް ކުރުމުގެ ފުރަތަމަ މަރުހަލާގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓުގެ ވަގުތެއް ދިނުމަށާއި
މީގެ އިތުރުން ބަޖެޓާ ގުޅޭގޮތުން މާލީ ވަޒީރު މޫސާ ޒަމީރާ ސުވާލުކުރުމަށް 45 މިނެޓުގެ ވަގުތެއް ދިނުމަށެވެ.
މީގެ އިތުރުން ބަޖެޓުގެ ރިޕޯޓް ކޮމިޓީން ނިންމައި، ތަޅުމަށް ހުށަހެޅުމުން ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 7 މިނެޓުގެ ވަގުތެއް ދިނުމަށްވެސް އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

Ad by Hajj Corporation
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މި ބަޖެޓުގައި ހިމެނިފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު ދެއްކުމުގެ ޚަރަދު ނުލައި، އަންނަ އަހަރުގެ ބަޖެޓަކީ، 55 ބިލިއަން ރުފިޔާއެވެ.
ހުށަހަޅާފައިވާ ބަޖެޓުން، ޚަރަދުގެ ގޮތުގައި 49.2 ބިލިޔަން ރުފިޔާ ހިނގާނެއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާއެވެ.
އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާ ކުރަނީ 40 ބިލިޔަން ރުފިޔާއެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމަށް ގިނަ ފިޔަވަޅުތަކެއް ހިމަނާފައިވާ ބަޖެޓެކެވެ.


