އައްޑޫ ހިތަދޫގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
5 ނޮވެމްބަރު 2025 - 16:41

ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އައްޑޫ ސިޓީ ހިތަދޫގައި މިއަދު ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޔޫތު، އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އޮނަރަބަލް އިބްރާހިމް (ވަހީދެވެ). މި ރަސްމިއްޔާތުގައި، ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސައުދީ އާއި، އައްޑޫ ސިޓީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން، 11,250 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރާނެއެވެ. މިއިން ކޮންމެ ފަންގިފިލައެއްގައި 5625 އަކަފޫޓު ހުންނާނެއެވެ. މިއީ 15.18 މިލިއަން ރުފިޔާއަށް 390 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
17590 މީހުންގެ އާބާދީއެއް ދިރިއުޅޭ އައްޑޫ ސިޓީ ހިތަދޫގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމުވެގެންދިއުމަކީ، ރަށަކުން ޢިލްމީ އަރިންތަކެއް އުފަންކުރި ހިތަދޫއަށް އިލްމީ ގޮތުން އިތުރު ކުރިއެރުންތަކެއް އަންނާނޭ ކަމެއް ގޮތުގައި މި ކުންފުނިން ދެކެމެވެ. ލައިބްރަރީއެއް ހުރުމަކީ، ހިތަދޫގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު މުއްސަނދިވެ ހޭލުންތެރިކަން އިތުރުވުމުގެ ފުރުސަތު ފަހިވާނޭ ކަމެކެވެ.

Ad by Hajj Corporation


