ވެނެޒުއޭލާގެ ރައީސް މަދޫރޯ އަވަހާރަކޮށްލެވޭނެ ގޮތްތައް ޓްރަމްޕް ދަނީ ވަޒަންކުރަމުން: ރިޕޯޓް
6 ނޮވެމްބަރު 2025 - 03:32

ވެނެޒުއޭލާ ރައީސް ނިކޮލާސް މަދޫރޯ އަވަހާރަކޮށްލުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއަރސްޓްރައިކްތަކާއި، މަދޫރޯ އަވަހާރަކޮށްލުމުގެ އެހެން ފުރުޞަތުތައް ވަޒަންކުރަމުންދާކަމަށް "ދަ ނިއު ޔޯކް ޓައިމްސް"ގެ ރިޕޯޓެއްގައި ބުނެފިއެވެ.
"ދަ ނިއު ޔޯކް ޓައިމްސް" އިން ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން، ޓްރަމްޕް ވަނީ ވެނެޒުއޭލާގެ ވެރިޔާ ނިކޮލާސް މަދޫރޯއާ ދެކޮޅަށް ޢަސްކަރީ ޙަރަކާތްތަކުގެ ތަފާތު އޮޕްޝަންތަކެއް ދިރާސާކުރައްވާފައެވެ. މި އޮޕްޝަންތަކުގެ ތެރޭގައި ވެނެޒުއޭލާގެ މުހިންމު ސަރަޙައްދުތަކަށް އެއަރސްޓްރައިކްތައް ދިނުމާއި، ޚާއްޞަ ބާރުތަކުގެ މިޝަންތައް ބޭނުންކޮށްގެން މަދޫރޯ ހައްޔަރުކުރުން ނުވަތަ އަވަހާރަކޮށްލުންވެސް ހިމެނެއެވެ.

Ad by Hajj Corporation
އެހެންނަމަވެސް، ޓައިމްސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ޓްރަމްޕް އަދި ވަކި ނިންމުމަކަށް އާދެވިފައިނުވާއިރު، އޭނާ އެއްވެސް ޙަމަލާއެއް ހުއްދަކުރާނެކަން ކަށަވަރެއް ނޫނެވެ.
ޓްރަމްޕްގެ އިދާރާގެ ވެނެޒުއޭލާއާ ގުޅޭ ސިޔާސަތު އެކުލަވާލުމުގައި ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ އިސް ދައުރެއް އަދާކުރަމުންދެއެވެ. ޓައިމްސްގެ ރިޕޯޓުގައިވާ ގޮތުން، ރޫބިއޯ އާއި ޑެޕިއުޓީ ޗީފް އޮފް ސްޓާފް ސްޓީވަން މިލަރ ވަނީ އަމިއްލަ ގޮތުން ޓްރަމްޕަށް މަދޫރޯ ވެރިކަމުން ދުރުކުރަންޖެހޭކަމަށް ބުނެފައެވެ.
މީގެކުރިން ޓްރަމްޕް ވަނީ މަދޫރޯގެ ވެނެޒުއޭލާގެ ވެރިއެއްގެ ގޮތުގައި ހުންނާނެ ދުވަސްތައް މަދުވެފައިވާކަމަށް ބުނެފައެވެ. އޭނާ އިތުރަށް ބުނެފައިވަނީ ކެރިބިއަން ކަނޑާއި ޕެސިފިކް ކަނޑުގައި މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަނެއްގެ ނަމުގައި ބައިނަލްއަޤްވާމީ ފެންތަކުގައިވާ އުޅަނދުފަހަރާ ދެކޮޅަށް ކުރިއަށްގެންދާ ޙަމަލާތަކަށްފަހު، ދެން އޮތް ފިޔަވަޅަކީ އެއްގަމަށް ޙަމަލާދިނުން ކަމަށެވެ.
ޓްރަމްޕްގެ ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މަސްތުވާތަކެތި އުފުލާ ފަރާތްތަކާ ދެކޮޅަށް ކަމަށް ބުނެ ހިންގާ މި ކެމްޕޭނަކީ މަދޫރޯއަށް ޙަމަލާދީ އޭނާ ވެރިކަމުން ދުރުކުރުމަށް އަދި ފަހަރެއްގައި ވެނެޒުއޭލާގެ ތެލުގެ ވަސީލަތްތައް ހިފުމަށް ރޭވިފައިވާ ކަމެކެވެ.
ޓްރަމްޕްގެ އިދާރާއިން ވަނީ މަދޫރޯއަކީ މަސްތުވާތަކެއްޗާ ގުޅުންހުރި ޓެރަރިސްޓް ޖަމާޢަތެއްގެ އިސްވެރިއެއްކަމަށް ކަނޑައަޅައި، އޭނާގެ ބޮލަށް 50 މިލިއަން ޑޮލަރުގެ އިނާމެއް ކަނޑައަޅާފައެވެ.


