ޤައުމީ ތަރައްގީގައި ޤައުމީ ބޭންކުގެ ހިއްސާބޮޑު، އުސޫލާ ޚިލާފަށް ލޯނު ދޫނުކުރަން: ބީއެމްއެލް
9 ނޮވެމްބަރު 2025 - 04:28

ޤައުމީ ބޭންކް، ބީއެމްއެލްގެ ބޯޑުގެ ހުއްދައާ ނުލައި، އުސޫލުތަކާ ޚިލާފަށް އެ ބޭންކުން، ސަރުކާރުން ދިން ގެރެންޓީއަށް ބިނާކޮށް އަމިއްލަ ވިޔަފާރިތަކަށް ލޯނުދިންކަމަށް ބުނެ ފަތުރަމުންދާ ވާޙަކަތައް އެ ބޭންކުން ދޮގުކޮށްފިއެވެ.
53 ކުންފުންޏަކަށް 206 މަޝްރޫޢެއް ހަވާލުކޮށް، އެއް ދުވަސް ތެރޭ އެންމެ ގިނަ ޕްރޮޖެކްޓުތަކުގައި ސޮއިކޮށް، ދިވެހި އެތައް ކުންފުންޏަކަށް ކުރިއެރުމަށް ފަހި މަގެއް ސަރުކާރުން ހުޅުވާލަދިނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ 206 މަޝްރޫޢާއި، ހަމަ އެ ހަފްތާގެ ބުދަ ދުވަހާއި އަންގާރަ ދުވަހު ސޮއިކުރެވިގެންދިޔަ މަޝްރޫޢުތަކާއެކު 2.7 ބިލިއަން ރުފިޔާގެ ޖުމުލަ 216 މަޝްރޫޢުގައި ސޮއިކުރެވިގެން ދިޔައެވެ.

Ad by Hajj Corporation
މަ މަޝްރޫޢުތަކަށް ފައިސާ ހަމަޖައްސަނީ ބީއެމްއެލް މެދުވެރިކޮށް، ސަރުކާރުން ގެރެންޓީދޭ ގޮތަށެވެ.
މިއާއެކު މިކަމާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ފިތުނަ އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ އެކިގޮތަށް މި ވާޙަކަ ދައްކަމުންނެވެ. އެގޮތުން، ބީއެމްއިލް އެ ފައިސާ ހަމަޖައްސާފައިވަނީ އުސޫލުން ބޭރުން، އެއްވެސް ހަމައެއް ލަމައެއް ނެތިކަމަށް ބުނެ ދޮގު ވާހަކަތަކެއް އެ ފަރާތްތަކުން އަންނަނީ ދައްކަމުންނެވެ.
މިކަމާ ގުޅިގެން ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނަށް, ބޭންކް އޮފް މޯލްވިވްސް އިން, އެ ބޭންކުގެ ބޯޑުގެ ހުއްދައާ ނުލައި އަދި ލޯނުދިނުމުގެ އުސޫލާ ޚިލާފަށް ފައިސާ ދޫކުރަމުންދާކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ކަމަށެވެ.
ބޭންކުގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތްކުރަނީ ފުރިހަމަ ޕްރޫޑެންސްއާއި، މިނިވަންކަމާއެކުގައިކަމަށާއި އެކަން، އެ ބޭންކުން ހިފަހައްޓަމުންދާ ކޯޕަރޭޓް ގަވަރނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކުން ހާމަވާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ބީއެމްއެލްއިން ހިފަހައްޒަމުންދަނީ ބައިނަލްއަގުވާމީ ބޭންކިންގ ދާއިރާގެ އެންމެ ހަރުދަނާ މިންގަނޑުތައްކަމަށާއި އެގޮތުން، ބޭންކުގެ އޮނިގަނޑުތައް ގާއިމުކޮށްފައި ވަނީ ރާއްޖޭގެ ބޭންކިން ޤާނޫނާއި، ގަވާއިދުތަކާ އެއްގޮތަށް، އެމް.އެމް.އޭއިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާ ސްޓޭންޑަރޑްތަކުގެ އިތުރުން ބައިނަލްއަގުވާމީ ހަރުދަނާ ސްޒޭންޑަރޑްތަކަށް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ބައިނަލްގުވާމީ އޮޑިޓް ފަރމްތަކުން ދަނީ ގަވައިދުން ބޭންކު -އޮޑިޓްކުރަމުން ކަމަށާއި މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރެވޭނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ބީއެމްއެލް ހިންގަމުންދަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓެރެޓެޖީގެ މައްޗަށް އަދި ހިންގުމުގެ އެކި ދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީ ތަކާ އެއްގޮތަށް، ބޮޑުން ނިންމާ ނިންމުންތަކާއި ދޭ ލަފަޔާއި އިރުޝާދުގެ ދަށުންކަމަށް ވެސް ބަޔާނުގައި ވެއެވެ.
ބީއެމްއެލް އިން ބުނީ، އެ ބޭންކުން ދޫކުރާ ލޯންތަކަކީ، ބޭންކުގެ ކްރެޑިޓް ޕޮލިސީ ތަކާ އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް، ދޫކުރާ ލޯނުތަކެއްކަމަށެވެ.
އެގޮތުން، ލޯނު ދެއްކުމުގެ ގާބިލުކަން ހުރިނެތް މިންވަރާއި، ސިންގަލް ބޮރޯވަރ އެކްސްޕޯޝަރއަދި ގްރޫޕް ބޮރޯވަރ އެކްސްޕޯޝަރ އަށްވެސް ބީއެމްއެލް އިން ބަލާނެ ކަމަށާއި ލޯނު ދިނުމުގެ ކުރިން އެ ލޯން އަނބުރާދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތަށް ލިބިގެންވަނީ ކިހާވަރަކަށްތޯވެސް، ބީއެމްއެލްއިން ބަލާނެކަމަށް އެ ބޭންކުން ބުނެއެވެ. އަދި ލޯނު ދޭނީ އަންޑަރ ރައިޓިން އުސޫލާ އެއްގޮތަށް ކަމަށާއި މިއީ ލޯނު ދޫކުރުމުގައި އަބަދުވެސް އަމަލުކުރާ ގޮތްކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
ބީއެމްއެލްއިން އިތުރަށް ބުނީ، ސަރުކާރުގެ ޕްރޮޖެކްޓުތައް ލިބުނު ކުންފުނިތަކަކީ ބީއެމްއެލްގެ ކަސްޓަމަރުންކަމަށްވާނަމަ އެ ބޭންކުން މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންނަމަވެެސް، ވިޔަފާރީގެ އުސޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބީއެމްއެލްއިން ބަލާނެކަމަށް އެ ބޭންކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ބީއެމްއެލް އަކީ ރާއްޖޭގެ ތަރައްގީއާއި މުޖުތަމައުގެ ކުރިއެރުމަށް ބޮޑު އިންވެސްޓްމަންޓެއް ކުރާ ބޭންކަކަށްވީ ހިނދު، ގައުމީ ތަރައްގީގައި ގައުމީ ބޭންކުގެ ހިއްސާ ވަރަށް ބޮޑުކަމަށް އެ ބޭންކުން ދެކޭ ކަމަށާއި އެހެންނަމަވެސް، ބޭންކުން އަމަލުކުރަމުންދާނީ ބޭންކުގެ ޑިޕޮސިޓަރުންނާއި ހިއްސާދާރުންނާއި އެހެނިހެން ސްޓޭކްހޯލްޑަރުންގެ ހައްގުތައް، ދެމެހެއްޓެނިވި ގޮތެއްގައި ގޮތެއްގައި ރައްކާތެރިކުރުމުގެ ގޮތުން ގާއިމްކުރެވިފައިވާ ހަރުދަނާ ގަވާނަންސް އުސޫލުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ ބޭންކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން ބީއެމްއެލްއާ ގުޅޭގޮތުން އާންމުންނަށް ހަގީގަތް އޮޅޭފަދަ މައުލޫމާތު ނުފެތުރުމަށް އެ ބޭންކުން ވަނީ އެދިފައެވެ. އަދި ކަމުގެ މައުލޫމާތު ރަނގަޅަށް ނުހޯދާ، ބައެއް ފަރާތްތަކުން ވަކި މަގްސަދެއް ހާސިލްކުރުމުގެ ބޭނުމުގައި އެ ބޭންކުގެ ކަސްޓަމަރުންނާއި ހިއްސާދާރުންނަށް އޮޅޭގޮތަށް، ހަގީގަތާ ޚިލާފު ވާޙަކަ ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ބޭންކުން ބުނެފައިވެއެވެ. މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް ވެސް އެ ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.


