ތިންވަނަ ކުއާޓަރ ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯނު ޕޯޓްފޯލިއޯ 23.7 ބިލިއަނަށް އަރާ
9 ނޮވެމްބަރު 2025 - 04:45
.jpeg&w=1920&q=75)
މިއަހަރުގެ ތިންވަނަ ކުއާޓަރ ނިމުނުއިރު ބެންކް އޮފް މޯލްޑިވްސްގެ ޖުމްލަ ލޯނު ޕޯޓްފޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން މިކަން ހާމަކޮށްފައިވަނީ، އެ ބޭންކާ ގުޅޭގޮތުން ފަތުރެމުންދާ ދޮގު ވާހަކަތަކާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

Ad by Hajj Corporation
ބޭންކުން މިފަހުން ސަރުކާރުން ދިން ގެރެންޓީއަށް އަމިއްލަ ވިޔަފާރިތަކަށް ލޯނު ދޫކޮށްފައިވަނީ އުސޫލާ ޚިލާފަށް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް ނެރުނު ބަޔާނުގައި އެ ބޭންކުން ވަނީ، ލޯނު ޕޯޓްފޯލިއޯއާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ.
އެގޮތުން، މި އަހަރުތެރޭ އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. މިހާތަނަށް ބޭންކުން އެކި ދާއިރާތަކުން ދޫކޮށްފައިވާ ލޯންތަކުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރި އަދަދުތަކަކީ، ޓުއަރިޒަމް – 8.71 ބިލިއަން ރުފިޔާ، އަމިއްލަ ފަރުދުންނަށް – 5.34 ބިލިއަން ރުފިޔާ، ޢިމާރާތްކުރުމަށާއި ގެދޮރުވެރިކަމަށް – 5.09 ބިލިއަން ރުފިޔާ، ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް – 2.40 ބިލިއަން ރުފިޔާ އަދި ވިޔަފާރިތަކަށް - 1.04 ބިލިއަން ރުފިޔާ، އެހެނިހެން ދާއިރާތައް – 1.11 ބިލިއަން ރުފިޔާއެވެ.
މި އަދަދުތަކުން ވެސް ދައްކުވައިދެނީ ބޭންކުން އެކި ދާއިރާތަކަށް ބޭންކުގެ ރިސްކް ތުރެޝްހޯލްޑް މިންގަނޑުގެ ތެރެއިން ލޯނު ދޫކުރަމުންދާކަމެވެ.
ބޭންކުގެ ބޯޑުން ވަނީ އެކި ދާއިރާތަކަށް ލޯނު ދޫކުރެވޭނެ މިންގަނޑުތައް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ ކަންކަމަށް އިންވެސްޓްކުރެވޭނެ މިންވަރާއި، ސަރުކާރުން ގެރަންޓީ ދީގެން ލޯނު ދޫކުރެވޭނެ މިންވަރާއި، ސަރުކާރުން ލިބެންޖެހޭ ރިސީވަބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރުގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރު ހިމެނާފައިވެއެވެ.
ބީއެމްއެލްއިން ވަނީ ބޭންކާ ގުޅޭ ގޮތުން އާންމުންނަށް ހަޤީޤަތް އޮޅޭފަދަ ގޮތަކަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮފައެވެ. އަދި ކަމުގެ މައުލޫމާތު ރަނގަޅަށް ނުހޯދާ، ވަކި މަޤްސަދެއް ހާސިލްކުރުމަށްޓަކައި ބޭންކުގެ ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް އޮޅޭގޮތަށް ހަޤީޤަތާ ޚިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ,


