އެސްޑީއެފްސީ ފެސިލިޓީތަކަށް ބީއެމްއެލް މޯބައިލް އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ މަގުފަހިކޮށްދީފި
5 ނޮވެމްބަރު 2025 - 11:41

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ފެސިލިޓީތައް ބީއެމްއެލް މޯބައިލް އެޕްލިކޭޝަންއާއި ގުޅުވާލައި އެސްޑީއެފްސީގެ ފެސިލިޓީތަކަށް ބީއެމްއެލް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ދެއްކޭނެ މަގުފަހިކޮށްދީފިއެވެ.
މަރުޙަލާތަކަކަށް ބަހާލައިގެން ފަށާފައިވާ މި އިންޓަގްރޭޝަނާއިއެކު، އެސްޑީއެފްސީގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ ފެސިލިޓީގެ މައުލޫމާތު ފަސޭހައިން ބެލުމާއި، ބީއެމްއެލް އެޕްގައި ހިމެނޭ ބިލްޕޭ ފީޗަރ މެދުވެރިކޮށް ފެސިލިޓީއަށް ފައިސާ ދެއްކުމުގެ ޚިދުމަތް މިހާރު ވަނީ ތަޢާރަފުކުރެވިފައެވެ. މި ޚިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ފަސޭހަ އަދި ރައްކާތެރިގޮތެއްގައި މާލީ މުއާމަލާތް ކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. މި ޚިދުމަތް ހޯއްދެވުމަށް، ބީއެމްއެލް މޮބައިލް އެޕްލިކޭޝަންގައި ބޭނުންކުރައްވާ އަމިއްލަ އެކައުންޓް މެދުވެރިކޮށް އެޕަށް ލޮގިންވެ، އެކައުންޓް ޓެބުގެ ދަށުން ފެސިލިޓީގެ ތަފުސީލު، ބާކީ ހުރި އަދަދު، އަދި މަހުން މަހަށް ދައްކަންޖެހޭ އަދަދު ހިމެނޭހެން މުހިންމު މައުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެއެއެވެ.

Ad by Hajj Corporation
މި އިންޓަގްރޭޝަންއާއި ގުޅޭގޮތުން، އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވެފައިވަނީ މި އިންޓަގްރޭޝަނަކީ އެސްއެމްއީތަކަށް ފޯރުކޮށްދެވޭ އެންމެހައި ހިދްމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.
" އަޅުގަނޑުމެންގެ ފެސިލިޓީތައް ބީއެމްއެލް މޮބައިލް އެޕްލިކޭޝަނާއި ގުޅުވާލުމުން ކަސްޓަމަރުންނަށް ހިދުމަތް ލިބިގަތުން ފަސޭހަވެގެންދާނެ، މިގޮތުން ކުރިން ފެސިލިޓީތަކަށް ފައިސާ ދެއްކުމަށް ކުރަމުންއައި މެނުއަލް ބޭންކް ޓްރާންސްފަރތައް މަދުކުރެވި، ރިއަލް-ޓައިމްކޮށް ޕޭމަންޓް ތަކުގެ އަޕްޑޭޓް ލިބި، ހިދްމަތްތައް އަވަސް ވެގެންދާނެ" އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ޙަސަން
ކަސްޓަމަރުންނަށް މި ހިދްމަތް ބޭނުންކުރުމުގައި އެހީތެރިވުމުގެ ގޮތުން، އެސްޑީއެފްސީގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ބިލްޕޭ ފީޗަރ މެދުވެރިކޮށް ފައިސާ ދައްކާނެ ގޮތުގެ ތަފްސީލު ވަނީ ޝާއިޢުކޮށްފައިއެވެ.
މި އިސްނެގުމަކީ އެސްޑީއެފްސީގެ ޑިޖިޓަލް އީޖާދުތަކަށާއި ކަސްޓަމަރުންގެ ފަސޭހަ ކުރުމުގެ ގޮތުން އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެސްޑީއެފްސީން މައުލޫމާތުދެއެވެ.


