ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ އިގްތިސާދު ކުރުމަށް ފިޔަވަޅުތައް އަޅަން ބޭންކަށް މަޖުބޫރުވޭ: ބީއެމްއެލް
7 މޭ 2026 - 12:00

ރައްޔިތުންނަށް ބޭނުންވާ ބޭރު ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ ކާޑުތައް މެދުވެރިކޮށް ބޭރުގެ އީކޮމާސް ސައިޓްތަކުން ވިޔަފާރިކުރެވޭ ނިޒާމު އިތުރަށް ހަރުދަނާކޮށްފިއެވެ.
ބީއެމްއެލުން ބުނީ ދިވެހި ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް މިހާރު ވެސް ދުވާލެއްގެ މައްޗަށް 1.33 މިލިއަން ޑޮލަރު ވިއްކަމުން ގެންގޮސްފައިވާ ކަމަށެވެ. މެދު އިރުމަތީގެ މަސްރަހާ ގުޅިގެން ޑޮލަރު ލިބުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ވެސް ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުން ކަށަވަރުކުރުމަށް މި ފިޔަވަޅުތައް އެޅީ ކަމަށް އެ ބޭންކުން ބުންޏެވެ.

Ad by Hajj Corporation
މި ބަދަލުތަކުގެ ދަށުން ބޭރުގެ ރީޓެއިލް ސައިޓްތަކުން ވިޔަފާރިކުރުމަށް ކޮންމެ ދުވަހަކު ވެސް ވަކި ބަޖެޓެއް ކަނޑައެޅި، ބަޖެޓާ ގުޅޭ މަޢުލޫމާތު ބީއެމްއެލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ. އެހެނިހެން ސައިޓްތަކުގެ ޚިދުމަތަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށާއި، ޑޮލަރު އެކައުންޓްގެ ކާޑުތަކުން ލިމިޓެއް ނެތި މުއާމަލާތް ކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ހާމަކުރިއެވެ.
ބީއެމްއެލުން ޚާއްޞަ ސަމާލުކަމެއް ދީފައިވަނީ ބޭރުގައި ކިޔަވާ ދަރިވަރުންނާއި ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް އެއްވެސް ބުރުލެއް ނާރައި ދެމެހެއްޓުމަށެވެ. އެ ފަރާތްތަކުގެ ކާޑު ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އޭގެ އިތުރުން، ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް ފަސޭހަކަމާ އެކު ސްޓޫޑަންޓް ކާޑަށް ބަދަލުވެވޭ ގޮތަށް ތިން މަސް ދުވަހުގެ މުހުލަތެއް ދީ، އެ މުއްދަތުގައި ބެލެނިވެރިންގެ ކާޑު ވެސް ބޭނުންކުރެވޭ ގޮތް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ ޑޮލަރު ގަންނަން ލިބޭ މިންވަރު އިތުރުވަމުންދާ ވަރަކަށް ރުފިޔާ ކާޑުތަކުގެ ލިމިޓްތައް ވެސް ތަނަވަސްކުރަމުން ގެންދާނެ ކަމަށެވެ.


