ޖަޕާނުގެ އުތުރު ސަރަޙައްދަށް ބާރުގަދަ ބިންހެލުމެއް
9 ނޮވެމްބަރު 2025 - 13:37

ޖަޕާނުގެ އުތުރު ސަރަޙައްދުގައި އިރުއޮއްސުމުގެ ވަގުތު ވަރުގަދަ ބިންހެލުމެއް އައިސްފިވެއެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީން ބުނިގޮތުގައި އެ ބިންހެލުމާ ގުޅިގެން އިތުރު ބިންހެލުންތަކެއްވެސް އައިސްފައިވެއެވެ. އަދި ސުނާމީގެ އިންޒާރެއްވެސް ނެރެފައިވެއެވެ.

Ad by Hajj Corporation
ރިކްޓަރ ސްކޭލްގައި 6.9 ގެ ގަދަމިނެއް ރެކޯޑުކުރެވުނު މި ބިންހެލުން އައިސްފައިވަނީ އިވާޓެ ޕްރިފެކްޗަރގެ އައްސޭރިފަށުން 16 ކިލޯމީޓަރު (10 މޭލު) ފުންމިނުގައި، ޖަޕާނުގެ ގަޑިން ހަވީރު 5:03 ގައެވެ.
މި ބިންހެލުމާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ނުވަތަ ގެއްލުންވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އަދި އެ ސަރަޙައްދުގައި ހުރި ނިއުކްލިއަރ ޕަވަރ ޕްލާންޓްތަކަށްވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ.
މީޓިއޮރޮލޮޖިކަލް އޭޖެންސީން ނެރުނު އިންޒާރުގައި އުތުރު ސަރަޙައްދުގެ އައްސޭރިފަށުގައި 1 މީޓަރު (3 ފޫޓު) އުސްމިނުގެ ސުނާމީއެއް އަތުވެދާނެކަމަށް ބުނެފައިވެއެވެ. އަދި ބައެއް ސަރަޙައްދުތަކުގައި ސުނާމީގެ އުސްމިން 3 މީޓަރަށް ވެސް އަރައިދާނެކަމަށް ފަހުން އިތުރުކޮށްފައިވެއެވެ.
އިވާޓެ ޕްރިފެކްޗަރގެ އޮފުނާޓޯ ސިޓީއާއި، އޮމިނާޓޯ ބަނދަރު، މިޔާކޯ އަދި ކަމައިޝީގައި 10 ސެންޓިމީޓަރު (4 އިންޗި) އުސްމިނުގެ ސުނާމީއެއް ރިކޯޑުކުރެވިފައިވެއެވެ. އޭގެފަހުން ކުޖީގެ އައްސޭރިފަށުގައި 20 ސެންޓިމީޓަރު (8 އިންޗި) އުސްމިނުގެ ސުނާމީއެއް ރިކޯޑުކުރެވިފައިވެއެވެ. އޮފުނާޓޯގައިވެސް ފަހުން އައި ސުނާމީ 20 ސެންޓިމީޓަރަށް އަރާފައިވާކަމަށް އޭޖެންސީން ބުނެފައިވެއެވެ.
ސުނާމީގެ އިންޒާރު އޮތް ވަގުތުގައި، ރައްޔިތުންނަށް ކަނޑާއި އައްސޭރިފަށުން ދުރުގައި ތިބުމަށް އިރުޝާދު ދީފައިވެއެވެ. އަދި އިތުރު ބިންހެލުންތައް އަތުވެދާނެކަމަށްވެސް އަންގާފައިވެއެވެ.
މި ބިންހެލުން އައިތާ ގާތްގަނޑަކަށް 3 ގަޑިއިރު ފަހުން ސުނާމީގެ އިންޒާރު ނިމުމަކަށް ގެނެސްފައިވެއެވެ. ނަމަވެސް މީޓިއޮރޮލޮޖިކަލް އޭޖެންސީން ނޫސްވެރިންނަށް މަޢުލޫމާތު ދިންގޮތުގައި، އެ ސަރަހައްދުތަކުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައެވެ.


