ގައްދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި
9 ނޮވެމްބަރު 2025 - 16:10

ގދ. ގައްދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ.
މި މަޝްރޫޢުގެ ދަށުން 30 އެނދުގެ ޖާގައިގެ 4 ފަންގިފިލާގެ ޢިމާރާތެއް 18,613 އަކަފޫޓުގެ ސަރަހައްދެއްގައި ބިނާކުރާނެއެވެ. މީގެ އިތުރުން 1 ފަންގިފިލާގެ ސަރވިސް ބްލޮކެއް 2,563 އަކަފޫޓުގެ ސަރަހައްދެއްގައި އަދި 2 ފަންގިފިލާގެ އެކޮމަޑޭޝަން ބްލޮކެއްވެސް 3,573 އަކަފޫޓުގެ ސަރަހައްދެއްގައި އިމާރާތް ކުރާނެއެވެ. މި މަޝްރޫޢަކީ 101.7 މިލިއަން ރުފިޔާއަށް 600 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
3,600 މީހުންގެ އާބާދީއެއް އޮންނަ ގައްދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ ޞިއްޙީ ޚިދުމަތް ރަށުގައި ރަނގަޅުވެގެން ދިއުމެވެ. އެގޮތުން ގައްދޫ ހޮސްޕިޓަލްގެ މަސައްކަތް ނިމުމާއެކު ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ހޯދޭ ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފުޅާވެގެންދާނެ ކަމަށް މި ކުންފުނިން ދެކެމެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެ އިޖުތިމާޢީ ގޮތުން ރަށަށް ކުރިއެރުންތަކެއް އަންނާނެއެވެ.

Ad by Hajj Corporation


