ބަޖެޓް ބަހުސް ފަށައިފި
10 ނޮވެމްބަރު 2025 - 04:30

ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަލާފައިވާ ބަޖެޓުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ފަށައިފިއެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުކަތުގެ ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ލިބޭނީ 15 މިނިޓުގެ ވަގުތެކެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އާއްމު ކޮމިޓީން ނިންމާފައިވަނި ބަޖެޓަށް ބަހުސް ކުރުމުގެ ފުރަތަމަ މަރުހަލާގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓުގެ ވަގުތެއް ދިނުމަށާއި މީގެ އިތުރުން ބަޖެޓާ ގުޅޭގޮތުން މާލީ ވަޒީރު މޫސާ ޒަމީރާ ސުވާލުކުރުމަށް 45 މިނެޓުގެ ވަގުތެއް ދިނުމަށެވެ.

Ad by Hajj Corporation
މީގެ އިތުރުން ބަޖެޓުގެ ރިޕޯޓް ކޮމިޓީން ނިންމައި، ތަޅުމަށް ހުށަހެޅުމުން ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 7 މިނެޓުގެ ވަގުތެއް ދިނުމަށްވެސް އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ބަޖެޓުގެ ބަހުސް ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވިދާޅުވީ މިއަދު ބަޖެޓުގެ ބަހުސް ކުރިއަށްގެންދާނީ އެއް ގަޑިއިރުގެ ދިގުމިނަށްކަމަށެވެ.
ސަބަބެއްގެ ގޮތުގައި ނައިބުރައީސް ވިދާޅުވީ މިއަދު މާލީ ވަޒީރު ބަޖެޓު ކޮމިޓީއާ ބައްދަލުކުރައްވާތީކަމަށެވެ.
އެއަށްފަހު އަންނަ ބުދަ އަދި އާދިއްތަ ދުވަހު ބަޖެޓު ބަހުސްގެ މަރުހަލާތައް ކުރިއަށް ގެންދަވާނެކަމަށް ނައިބުރައީސް ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަލާފައިވާ ބަޖެޓު ދިރާސާކުރުމަށް އެކުލަވާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މުގައްރިރަކީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެވެ. އަދި މި ކޮމިޓީގެ ނައިބު މުގައްރިރަކަށް އައްޔަނުކުރައްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދެވެ.ބަޖެޓު ދިރާސާކުރާ ކޮމިޓީ އެކުލަވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ ގުޅިގެންނެވެ. އެގޮތުން މި ކޮމިޓީގައި ޖުމްލަ 22 މެމްބަރުން ތިއްބަވާނެއެވެ.
މި ކޮމިޓީން ނިންމާފައިވަނީ މި މަހުގެ 19 ވަނަ ދުވަހަށް ބަޖެޓުގެ ކަންކަން ނިންމައި ރިޕޯޓު ހުށަހެޅުމަށެވެ.


