މަސްތުވާތަކެތީގެ މައްސަލަތަކަށް ފަރުވާ ހޯދާ މީހުން މިހާރު އިތުރު : ލުބުނާ
އެންޑީއޭގެ ބޯޑުގެ ޗެއަރމަން އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން// ފޮޓޯ: ހޯމް މިނިސްޓްރީ
02 އޮކްޓޯބަރު 2024 - 07:20
އައު ސަރުކާރު ވެރިކަމާ ހަވާލުވީފަހުން މަސްތުވާތަކެތީގެ މައްސަލަތަކަށް ފަރުވާ ހޯދާ މީހުން އިތުރުވެފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނީއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި އެންޑީއޭގެ ބޯޑުގެ ޗެއަރމަން އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީ ބޯޑުގެ 8 ވަނަ ބައްދަލުވުން ބޭއްވުމާ ގުޅިގެން "މެންދުރު އޮންލައިން" އަށް މައުލޫމާތުދެއްވަމުން ސްޓޭޓް މިނިސްޓަރ ލުބްނާ ވިދާޅުވީ މި ބައްދަލުވުމުގައި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް ހުށަހެޅުމަށް ހަމަޖެހިފައިވާ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށާއި މި ގާނޫނުތައް ބައްޓަންކުރާނީ ކުށުގެ ވެށީގައި އުޅޭ މީހުންނަށް ފިޔަވަޅުއެޅުމަށް މަގުފަހިވާގޮތައް ކަމަށެވެ.
ލުބުނާ ވިދާޅުވީ ސަރުކާރު ވެރިކަމާ ހަވާލުވީފަހުން މަސްތުވާތަކެތީގެ މައްސަލަތަކަށް ފަރުވާދެމުންދާ މީހުންގެ އަދަދު އިތުރުވެފައިވާކަމަށާއި ކުރީ ސަރުކާރުތަކުގައި ފަރުވާ ނުލިބި ވެއިޓް ލިސްޓުގައި މަޑުކުރި ކުރުން ނިމުމަކަށް ގެނެސްފައިވާކަމަށެވެ.
ފަރުވާ ހޯދަން ބޭނުންވާ މީހުން އެދުމުން ގިނަދުވަހު މަޑުކުރަން ނުޖެހި ހިންމަފުށީގައި ހުންނަ ރިހެބް ސެންޓަރުން ފަރުވާލިބޭނެ ގޮތް ހަމަޖައްސާދެމުން އަންނަކަން ލުބުނާ ފާހަގަކުރެއްވިއެވެ.
ރަށްރަށުގައި ކުށްމަދުކުރުމަށް ހިންގާ "ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމެޓީ" މިހާރު އިފްތިތާޙް ކޮށްފައިވާއިރު މަސްތުވާތަކެތީގެ ފަރުވާ ނަގާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށްވެސް ލުބުނާ ވަނީ އެދިވަޑައިގެންފައެވެ.
ލުބްނާ ވަނީ ދާޚިލީ ވުރާޒާއާ ގުޅިގެން މަސްތުވާތަކެތީގެ ފަރުވާ ނަގާ މީހުންނަށް ވަޒީފާގެ ފުރުސަތު ފޯރުކޮށްދިނުމަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ އެންމެ ބޮޑު އެއް ފިޔަވަޅު ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުން އަބަދުވެސް ބޭނުންވަނީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށްކަން ފާހަގަކުރައްވާ ލުބްނާ ވިދާޅުވީ ދާޚިލީ ވުޒާރާއަކީ ވަރަށް ގިނަ ދާއިރާތަކެއްގެ ބެލެނިވެރިކަން ކުރާ ވުޒާރާއެއް ކަމަށެވެ.
ރައްޔިތުންނާއި ގާތުން މަސައްކަތް ކުރަން ޖެހޭ ސަބަބަކީ ރައްޔިތުންގެ އުފާވެރިކަމާއި، އަމާންކަމާއި، ރައްކާތެރިކަމާ ގުޅިލާމެހިފައިވަނީ އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއާ ކަމަށްވެސް ލުބްނާ ވިދާޅުވިއެވެ.
މި މަސައްކަތަކީ ހަމައެކަނި ކުށް މަދުކުރުމަށް ކުރާ މަސައްކަތެއް ނޫންކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ލުބްނާ ވިދާޅުވީ ކޮންމެ ރަށަކީވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ރަށަކަށް ހެދުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.