logo
Bank of Maldives

Bank of Maldives

ޚަބަރު

އަމާޒަކީ ލުއި ފަސޭހަ ޚިދުމަތްތަކެއް ޒިންމާދާރުކަމާއެކު ފޯރުކޮށްދިނުން: ފަސީޙް

އާމިނަތު ޝަފާ
10 ނޮވެމްބަރު 2025 - 10:46
އަމާޒަކީ ލުއި ފަސޭހަ ޚިދުމަތްތަކެއް ޒިންމާދާރުކަމާއެކު ފޯރުކޮށްދިނުން: ފަސީޙް

އަމާޒަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ފެންވަރު ރަނގަޅު، އަވަސް އަދި ލުއި ފަސޭހަ ހިދުމަތްތަކެއް ޒިންމާދާރުކަމާއެކު ފޯރުކޮށްދިނުން ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަސީޙް ވިދާޅުވެއްޖެއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މިފަދައިން ވިދާޅުވީ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަސީޙް ވިދާޅުވީ އިމިގްރޭޝަންގެ ޒަމާނީ ޚިދުމަތްތަކުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ގިނަ ލުއި ފަސޭހަތައް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އަމާޒަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ފެންވަރު ރަނގަޅު، އަވަސް އަދި ލުއި ފަސޭހަ ޚިދުމަތްތަކެއް ޒިންމާދާރުކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ.

ދިވެހިރާއްޖޭގަ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސްގެ ވައުދުފުޅެއްކަން ފާހަގަކުރައްވާ ސީޖީ ވިދާޅުވީ މިއަދު އިފްތިތާހުކުރި ހިދުމަތްތައް ވެގެންދާނީ ދިވެހިރާއްޖޭގަ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެންމެން ގުޅިގެން މިކުރާ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ލިބިގެންދާ އިތުރު ފަސޭހައެއް ކަމަށެވެ.

މިއަދު މި ތައާރަފްކުރި ހިދުމަތްތަކާއެކު ދިވެހިރާއްޖޭގަ ދިރިއުޅޭ ބިދޭސީންގެ ޕާސްޕޯޓުގަ ވިސާ ޖެހުމުގެ ޚިދުމަތް ހޯދުމުގަ ޒަމާނުއްސުރެ ދިމާވަމުން އައި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ. އާދެ! ދުނިޔޭގެ ތަރައްގީވެފަވާ ގައުމުތަކުގަ ވެސް ވިސާއާގުޅޭ ހިދުމަތްތައް ލިބޭ ފެންވަރަށް، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ދިވެހިރާއްޖޭގަ މި ހިދުމަތްތައް ފުޅާވެގެން ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު އަރުވަން. ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަންގެ އައު ވެބްސައިޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފަސީޙް ވިދާޅުވީ ވެބްސައިޓުން އިމިގްރޭޝަންގެ ޚިދުމަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ލިބިގެން ދާނެ ކަމަށާއި މިއީ ޒަމާނާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ ވެބް ސައިޓެއް ކަމަށެވެ.

އަދި މިއަދު އިފްތިތާހުކުރި އިމިގްރޭޝަންގެ މޯބައިލް އެޕްލިކޭޝަނަކީ ސަލާމަތީ ގޮތުން ރައްކާތެރިކަން ކަށަވަރުކުރެވިފަވާ ޒަމާނީ އެޕްލިކޭޝަނެއް ކަމަށާއި އެޕްލިކޭޝަންގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަން ފަސީޙް ފާހަގަކުރެއްވިއެވެ.

މިގޮތުން، އަލަށް ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމާ ދިވެހި ޕާސްޕޯޓު އައު ކުރުމަށް ފަސޭހަކަމާއެކު ހުށަހެޅޭނެކަން ފާހަގަކުރައްވާ ސީޖީ ވަނީ އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެ ފަރާތެއްގެ ޕާސްޕޯޓުގެ މަޢުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށް ވިދާޅުވެފައެވެ.

އަދި ރާއްޖޭގަ ހުރުމަށް ވިސާ ދޫކޮށްފަވާ ބިދޭސީންނަށް، އެ ފަރާތްތަކަށް ދޫކޮށްފަވާ ވިސާގެ މަޢުލޫމާތު އެޕްލިކޭޝަނަށް ލޮގްއިން ވެގެން ފަސޭހަކަމާ ރައްކާތެރިކަމާއެކު ބަލާލެވޭނެ ކަމަށްވެސް ފަސީޙް ވިދާޅުވިއެވެ.

އަމާޒަކީ ރާއްޖެއަށް އަންނަ އަދި ރާއްޖޭން ފުރާ ފަރާތްތަކަށް އެ ފަރާތްތަކުން ބަލައިގަންނަ ފަދަ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ހިނިތުންވުމާ ޒިންމާދާރުކަމާއެކު ފޯރުކޮށްދިނުން ކަމަށާއި ޚިދުމަތްދޭ އިދާރާއަކަށް ރައްޔިތުންގެ އިތުބާރު ލިބޭނީ ރައްޔިތުން ގަބޫލުކުރާ ފަދަ ފެންވަރު ރަނގަޅު، އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ޒިންމާދާރުކަމާއެކު ފޯރުކޮށްދެވިގެންކަން ސީޖީ ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންގެ އަމާޒަކީ މި އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މިހާރަށް ވުރެ މަތިކޮށް، މި އިދާރާއަކީ ރައްޔިތުން ބަލައިގަންނަ ފަދަ ޚިދުމަތްތަކެއް ދޭ، ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފަވާ އިދާރާއެއްގެ ގޮތުގަ އަބަދުވެސް ބޭއްވުން. މިއަދަކީ ވަރަށް އުފާވެރި، ވަރަށް ވެސް ތާރީޚީ ދުވަހެއް. މަނިކުފާނު ކަނޑައަޅުއްވާފަވާ ތަސައްވުރު، "މޯލްޑިވްސް 2.0" ގެ ދަށުން، މިއިދާރާގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ޚިދުމަތްތައް އެހެން ހަރުފަތަކަށް ގެންދިއުމަށް އަޅުގަނޑުމެން ކުރަމުން އައި ބުރަ މަސައްކަތްތަކުގަ ކުލަޖެހި އޭގެ އުފާވެރިކަން ލިބިގެންދާ ދުވަސް. މި ޚިދުމަތްތައް ފުރިހަމަގޮތުގަ ރައްޔިތުންނާ ހަމައަށް ގެނެސްދެއްވުމަށް މޯލްޑިވްސް އިމިގްރޭޝަންގެ އައި.ޓީ ޓީމް އަދި ކަމާގުޅުންހުރި މުވައްޒަފުން ވަނީ ވަރަށް ގިނަ ބުރަ މަސައްކަތްތަކެއް ކުރައްވާފަ. އެ މަސައްކަތްތަކުގެ ފޮނިމީރުކަން އިރާދަކުރެއްވީތީ މިއަދު ހާސިލުވެގެން، އިޙްސާސްވެގެން މިދަނީ. ހަގީގަތުގަ ވެސް މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. މިކަމަށްޓަކާ އަޅުގަނޑުމެންގެ ހުނަރުވެރި އައި.ޓީ ޓީމަށާ މި މަސައްކަތުގަ ޝާމިލްވި ހުރިހާ ފަރާތްތަކަށް މަރުހަބާއާ ޝުކުރު ދަންނަވަން. ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން

މީގެ އިތުރަށް ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އެންމެ ޒަމާނީ ފެންވަރަށް ދިވެހި ޕާސްޕޯޓު ޕްރިންޓް ކުރުމުގެ އިންތިޒާމް މިހާރު ވާނީ ގާއިމުކުރެވިފައި ކަމަށާއި އަމާޒަކީ ގްރޭޓަރ މާލޭ ސަރަހައްދުން ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކަށް އެޕްލިކޭޝަން ފުރިހަމަކުރާތާ، 24 ގަޑިއިރުތެރޭގަ ޕާސްޕޯޓު ލިބޭ ވަރަށް އިމިގްރޭޝަންގެ ޚިދުމަތްތައް އަވަސްކުރުން ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.

ބަރސެލޯ ނަސަންދުރައިގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް އިފްތިތާޙްކުރައްވާފައިވާ ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަންފަށާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރުމަށް ހިންގާ މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ 'މޯލްޑިވްސް 2.0' މަޝްރޫޢުގެ ދަށުން ސައްތައިން ސައްތަ، ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭންފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖެ 2.0 ގެ ތަޞައްވަރަށް ޢަމަލީ ސިފަގެނެސްދެއްވައި، އެ ހުވަފެން ޙަޤީޤަތަކަށް ހައްދަވައި، ތަރައްޤީއަށް ފަހެލި ބަދަލުތަކެއް ގެނެސްދެއްވައި، ރާއްޖޭގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވައި އެކަމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން މިއަދު ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. މި ހަދިޔާ އެމަނިކުފާނަށް އަރުވާފައިވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އަދި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަސީޙެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމާޒަކީ ލުއި ފަސޭހަ ޚިދުމަތްތަކެއް ޒިންމާދާރުކަމާއެކު ފޯރުކޮށްދިނުން: ފަސީޙްޚަބަރު | 4 ގަޑިއިރު ކުރިން ބިދޭސީންގެ ޝަހްސު ދެނެގަތުމަށް ދިމާވާ ދަތިތަކަށް ހައްލު ޚަބަރު | 5 ގަޑިއިރު ކުރިންގަވާއިދާ ޚިލާފަށް އުޅެމުން ދިޔަ ބިދޭސީން ތަކެއް އަތުލައިގެންފިޚަބަރު | 5 ދުވަސް ކުރިންއިމިގްރޭޝަންގެ ވޯކިން އިންޓަވިއުގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެޚަބަރު | 9 ދުވަސް ކުރިން