މީދޫގައި އައިސް ޕްލާންޓު ހެދުމަށް ހިލޭ ބިން ހަމަޖައްސާދީފި
މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމެންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ// ފޮޓޯ: މިފްކޯ
02 އޮކްޓޯބަރު 2024 - 08:39
ސަރުކާރުގެ ޕީއެސްޕީ ބަޖެޓުގެ ތެރެއިން އަލަށް ގާއިމްކުރާ ދ.މީދޫ އައިސް ޕްލާންޓަށް ބޭނުންވާ ބިން، އެރަށު ކައުންސިލުން އުޖޫރައެއް ނުނަގާގޮތަށް މިފްކޯއާ ހަވާލުކުރުމަކީ، އެރަށު ކައުންސިލުން މަސްވެރީންނަށް ދޭ އަހަމިއްޔަތުކަން ހާމަވެގެންދާ ކަމުގެ އަލިގަދަ ހެއްކެއް ކަމުގައި މިފްކޯއިން ބުނެފިއެވެ.
މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމެންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވިދާޅުވީ މީދޫގައި އައިސް ޕްލާންޓު ހެދުމަށް އެރަށު ކައުންސިލުން ހިލޭ 3،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިދީފައިވާ ކަމުގައެވެ. އަދި އެ ސަރަހައްދުގެ މަސްވެރީންނަށް ނުވަތަ މަސްވެރިކަމަށް އައިސް ލިބޭގޮތް ވުމުން މިފްކޯއަށް ތާޒާ ކަނޑުމަސް ލިބިގެންދާނެކަން މުއާޒު ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން މީދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ، މުސްތަގުބަލުގައި މީދޫއަށް މަސްއޮޑިފަހަރުގެ އައިސް އަޅަން ދިއުމުން އެރަށުގެ އިގްތިސާދީ އޮއިވަރު ބަދަލުވެ، ކުދި ވިޔަފާރިތަކާއި ފިހާރަތަކާއި ސައި ހޮޓަލުގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގައެވެ. އަދި މީދޫގެ އިތުރުން އެ ރަށާ ކައިރި ރަށްރަށުގެ ފަރުމަސް ވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ރޯމަހުގެ މަސައްކަތުގައި އުޅޭ އާންމުންގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ނަސީމް ވިދާޅުވިއެވެ.
މީދޫ އައިސްޕްލާންޓުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީއާއި މިފްކޯއިން ސޮއިކުރީ ހުސްވި ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ގައެވެ.
މި މަޝްރޫއުގެ ދަށުން މީދޫގެ އިތުރުން ދ.ބަނޑިދޫ އާއި ށ.ފުނަދޫގައި އަޅާ ކޮންމެ އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ. މީގެ އިތުރުން ކޮންމެ ޕްލާންޓަކާއެކު 50 ޓަނުގެ އައިސް ސްޓޯރޭޖެއް ހަދާނެ އެވެ.
ޖުމްލަ 24 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކޮންމެ އައިސް ޕްލާންޓެއް ހެދުމަށް 8 މިލިއަން ރުފިޔާ ހޭދަވާނެއެވެ. މިއީ ސަރުކާރުން މިފްކޯއަށް ފައިސާ ދީގެން ހިންގާ މަޝްރޫއެކެކެވެ.