ކާށިދޫ ފަރަށް މުދާ އުފުލާ ބޯޓެއް އަރައި، އެއިން ދަތުރުކުރި މީހަކު ގެއްލިއްޖެ
11 ނޮވެމްބަރު 2025 - 17:35

ކ. ކާށިދޫ ފަރަށް، މުދާ އުފުލާ ބޯޓެއް އަރައި އެއިން ދަތުރުކުރި މީހަކު ގެއްލިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ގައުމީ ދިފާއީ ބާރުން ބުނީ، މާލެއިން ފުރައިގެން ކާށިދޫ އަށް ދަތުރު ކުރި ފައިސަލާ ބޯޓު، ކާށިދޫ ފަރަށް އަރައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

Ad by Hajj Corporation
"މެންދުރު ޓީވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓު ފަރަށް އަރާފައި ވަނީ 20:00 ހާއިރުއެވެ.
އެ އުޅަނދުން 11 މީހުން ދަތުރުކުރިކަމަށާއި އޭގެތެރެއިން 10 މީހުން، ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި މަސައްކަތުން ވަނީ ސަލާމަތްކޮށްފައިކަމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވިއެވެ.
އަދި ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އޮފިސަރު ވިދާޅުވިއެވެ.
އެ ބޯޓުން އެއްވެސް ފަސިންޖަރަކު ދަތުރުކޮށްފައި ނުވާ ކަމަށާއި ބޯޓުން ދަތުރުކުރީ ބޯޓުގެ ކެޕްޓަނާއި ފަޅުވެރިން އެކަނިކަމަށް ވެއެވެ. ގެއްލިފައިވަނީ ބޯޓުން ދަތުރުކުރި ބިދޭސީއެއްކަމަށް މައުލޫމާތު ލިބެއެވެ.


