މިއަންނަ ހައްޖުން ފެށިގެން ހައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުން ހައްޖު މިނިސްޓްރީގެ ބެލުމުގެދަށަށް
12 ނޮވެމްބަރު 2025 - 10:45

މިއަންނަ ހައްޖުން ފެށިގެން، ހައްޖު މޫސުމުގައި އެންމެހައި ހައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުން ކުރިއަށް ގެންދާނީ ސީދާ ހައްޖު މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމުގައި ސައުދީ ސަރުކާރުން ވަނީ ނިންމާފައިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ވުޒާރާއިން ބުނީ މިއަންނަ ހައްޖުން ފެށިގެން، ހައްޖު މޫސުމުގައި އެންމެހައި ހައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުން ކުރިއަށް ގެންދާނީ ސީދާ ހައްޖު މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމުގައި ސައުދީ ސަރުކާރުން ވަނީ ނިންމާފައިކަމަށެވެ. އަދި ކަތިލުމަށް ފައިސާ ދައްކަން ޖެހެނީ ވެސް ޑިޖިޓަލް ޕޯޓަލްގެ ތެރެއިން އެ ޤައުމެއްގެ ހައްޖު މިޝަން މެދުވެެރިކޮށް ހައްޖު މިނިސްޓްރީއަށްކަމަށާއި ކުރިން މިކަން ކުރަމުންދިޔައީ ހައްޖު ޖަމާޢަތްތަކުން ސައުދީގެ ޕްރައިވެޓް ކުންފުނިތައް މެދުވެރިކޮށްކަމަށެވެ.

Ad by Hajj Corporation
މި ގެނެވުނު ބަދަލުން ދެން ކުރިއަށް ދާނީ ސީދާ ހައްޖު މިނިސްޓްރީގެ ބެލުމުގެ ދަށުން އުޟްޙިޔާއާއި ހަދްޔާ ބެހޭ ޚާއްޞަ ކޮމިޝަނަކުންކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
"ކަތިލުމަށް ފަހު ފަޤީރުންނަށް މަސް ބެހުމުގެ ކަންތައް ވެސް ގެންދާނީ އެ ކޮމިޝަނުން. އެޤައުމެއްގެ ހައްޖުވެރިންގެ ހަދުޔާއި އުޟްޙިޔާ ކަތިލުމުގެ ވީޑިއޯ ވެސް މިޝަނުން ބޭނުން ނަމަ ޙިއްސާކުރާނެ. އަދި ހައްޖުވެރިން ކާން ބޭނުންކުރުމަށް މިޝަނުން ބޭނުން ނަމަ މަސްވެސް ފޯރުކޮށްދޭނެ."
މިބަދަލު ސައުދީ ސަރުކާރުން ގެނައީ މިއަޅުކަން ހެޔޮ ގޮތުގައި ތަންފީޒުވުން ކަށަވަރު ކުރުމަށާއި ކޮރަޕްޝަންގެ އަމަލަކަށް ޖާގަ ނުދިނުމަށްޓަކައިކަމަށާއި ހައްޖު މިނިސްޓްރީން ވަނީ ގައުމުތަކުގެ ހައްޖު މިޝަންތަކުގެ ވެރިންނާއި މިކަމާ ގުޅޭ ގޮތުން ބައްދަލުކޮށް މަޝްވަރާކޮށްފައިކަމަށް ވުޒާރާއިން ބުނެއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަން ބައިވެރިވެ ރާއްޖޭގެ ހައްޖު މިޝަނުންވަނީ މިކަމަށް މަރުހަބާ ކިޔައި މިބަދަލަކީ ވަރަށް ރަނގަޅު ބަދަލެއްކަމުގައި ހާމަކޮށްފައިމަށް ވުޒާރާއިން ބުނެއެވެ.


