އެންސްޕާގެ ފަސް ހިދުމަތެއް ވަންގަވް އަށް
15 ނޮވެމްބަރު 2025 - 13:11

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޗަން އޭޖެންސީ (އެންސްޕާ) އިން ދެމުން އަންނަ ފަސް ހިދުމަތެއް، ވަންގަވް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މިކަމަށްޓަކައި މިއަދު މައިންޑްކޯގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރަސްމީކޮށް ވަންގަވް އަށް އެންސްޕާ ލޯންޗުކޮށްދެއްވީ އެންސްޕާގެ ސީއީއޯ، ހީނާ ވަލީދުގެ އިތުރުން މައިންޑްކޯގެ އެމްޑީ ސައީދާ އުމަރުއެވެ.

Ad by Hajj Corporation
އެންސްޕާއިން ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން ވަންގަވް އަށް ތައާރަފުކުރި ހިދުމަތްތަކަކީ:
- އެކަނިވެރިން މައިން/ބަފައިންނަށް ދެމުން އަންނަ އެލަވަންސް
- ފަގީރު ހާލަތުގަ ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށްދޭ އެހީ
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށްދޭ އެލަވަންސް
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެޕިއުޓިކް ފަރުވާއަށްދޭ އެހީ
- ފޯސްޓަރ ޕޭރެންޓް އެލަވަންސް
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، މިކަމަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ ވީހާވެސް ފެންވަރު ރަނގަޅު، ޓްރާސްޕޭރެންޓް އަދި އެފިޝެންޓް ހިދުމަތްތަކަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ "މޯލްޑިވްސް 2.0" މަޝްރޫއުގެ ތެރެއިން ކުރެވިގެންދާ ވަރަށް މުހިންމު، އަދި އެހާމެ ބޮޑު މަސައްކަތެއް ކަމަށެވެ. ހީނާ ވިދާޅުވީ މިއަދު ވަންގަވް މެދުވެރިކޮށް ދޭންފެށި ފަސް ހިދުމަތުގެ އިތުރުން ހިދުމަތެއް އަންނަ އަހަރުގެ ތެރޭގައި ވަންގަވް މެދުވެރިކޮށް ދޭން ފެށޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އެންސްޕާއަކީ ވަރަށް ވަލްނަރަބަލް ކޮމިއުނިޓީއަކަށް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްކަން ފާހަގަކުރައްވާ، ހީނާ ވިދާޅުވީ އެންސްޕާ ހިންގުމާ ހަވާލުވެވަޑައިގެންނެވި އިރު އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ ހިދުމަތް ލަސްވުމުގެ ޝަކުވާ ކަމަށެވެ. މިކަން ފާހަގަކުރައްވާ، ހީނާ ވިދާޅުވީ މިހާތަނަށް އެންސްޕާގެ މަސައްކަތްތައް ހިނގަމުން އައިސްފައިވަނީ ވަރަށް މެނުއަލް ގޮތަކަށް ކަމަށެވެ. އެންސްޕާގެ ހިދުމަތްތަކަށް އޮންލައިންކޮށް އެޕްލައިކުރެއްވުނު ނަމަވެސް މިހާތަނަށް ހިދުމަތް ދިނުމުގައި އެންސްޕާގެ މުވައްޒަފުން ބައެއްފަހަރު ރެއާދުވާލު މަސައްކަތްކުރަން ޖެހިފައިވެސް އެބަހުރިކަން ހީނާ ފާހަގަކުރެއްވިއެވެ.
ހީނާ ފާހަގަކުރެއްވި ގޮތުގައި ވަންގަވް މެދުވެރިކޮށް އެންސްޕާގެ ހިދުމަތްތައްދޭން ފެށުމުން އެންސްޕާގެ މުވައްޒަފުންނަށާޢި ރައްޔިތުންނަށްވެސް އެތައް ފަސޭހަތަކެއް ލިބިގެންދާނެއެވެ.


