ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް ޖުމްލަ ހަތް މިލިއަން
11 އޮކްޓޯބަރު 2025 - 11:32

ނިމުނު ސެޕްޓެމްބަރު މަހުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ޖުމުލަ ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއި ވާ ކަމަށޤ އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޖުމްލަ 7.7 މިލިއަން ރުފިޔާ މިދިޔަ މަހު ތެރަޕީތަކަށް އެންސްޕާއިން ޚަރަދުކޮށްފައިވާއިރު، އޭގެތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ބިހޭވިއާ ތެރަޕީއަށްކަމަށާއި، އެ ތެރަޕީގެ 235 މީހުންނަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެ އޭޖެންސީން ބުނެއެވެ.

Ad by Hajj Corporation
ދެވަނަ އަށް އެންމެ ގިނައިން އެހީ ފޯރުކޮށްދީފައިވަނީ، އޮކިއުޕޭޝަނަލް ތެރަޕީއަށެވެ. އެ ތެރަޕީއަށް 1.8 މިލިއަން ޚަރަދުކުރިއިރު، ސްޕީޗް ތެރަޕީއަށް އެންސްޕާއިން 1.7 މިލިއަން ހޭދަކޮށްފައިވަކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެއިތުރުން ވެސް އާލީ އިންޓަވެންޝަން ތެރަޕީއާއި އެޑިއުކޭޝަނަލް ތެރަޕީގެ ތެރެއިން ކޮންމެ ތެރަޕީއަކަށް ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ މިދިޔަ މަހު އެންސްޕާއިން ޚަރަދުކޮށްފައިވެއެވެ. އެންމެ ކުޑަ ޚަރަދެއް ކޮށްފައި ވަނީ ފިޒިއޯތެރަޕީއަށްކަމަށާއި މި ތެރަޕީއަށް ހޭދަކުރީ 103،922 ރުފިޔާކަމަށް އެންސްޕާގެ މި ތަފާސްހިސާބުން ދައްކައެވެ.
މި ހުރިހާ ތެރަޕީތައް ހިމަނައިގެން އެންސްޕާއިން މިދިޔަ މަހު މާލީ އެހީ ފޯރުކޮށްދިނީ ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 290 މީހުންނަށެވެ. އެއީ، 212 ފިރިހެނުންނާއި 78 އަންހެނުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތެރަޕިއުޓިކް ހިދުމަތްތައް ދެމުން އަންނަ ތަންތަނުގެ ފެންވަރު ބެލޭނެ ގޮތެއް އަދި މިހާތަނަށް ހަމަޖެހިފައި ނުވާކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.