ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ޒަކާތު ފަންޑުން ތިން އަހަރު ތެރޭ 24 މީހަކަށް އެހީވި
22 ނޮވެމްބަރު 2025 - 06:13

ފާއިތުވި 3 އަހަރު ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން 24 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރާއްޖޭން ފޯރުކޮށްދޭ ތެލަސީމިއާގެ ފަރުވާގެ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ބޯންމެރޯ ޓްރާސްޕްލާންޓް ހިލޭ ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ކޮންމެ އަހަރަކު 10 ކުއްޖަކު ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ސަރުކާރުންވަނީ ނިންމާފައެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޒަކާތު ފަންޑުގެ ޚަރަދުގައި ބޯންމެރޯ ޓްރާނަސްޕްލާންޓް ހެދުމަށް 2023 ވަނަ އަހަރު ފަސް މީހަކަށް، 3،851،947.62 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި 2024 ވަނަ އަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ނުވަ މީހަކަށް 7،303،110.34 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު މިއަހަރުގެ މިހާތަނަށް 10 މީހަކަށް 1،513،821.06 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖޭން ބޭރަށް ކުދިން ފޮނުވަނީ ސިއްޙީ ވުޒާރާއާއި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ދެމެދުވަނީ 2024 ވަނަ އަހަރުއެކުލަވާލެވުނު އެއްބަސްވުމެއްގެ ދަށުން ޒަކާތު ފަންޑުގެ އެހީގައެވެ.
އާބާދީގެ ނިސްބަތުން ރާއްޖެއަކީ ތެލަސީމިއާ ކުދިން އެންމެ ގިނަ އެއް ޤައުމުކަމުން، އެކުދިންނަށް ފޯރުކޮށްދޭ ޚިދުމަތް ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ އެތައް މަސައްކަތެއް ކުރަމުންނެވެ.

Ad by Hajj Corporation
އެގޮތުން 30 އަހަރުވެފައިވާ ތެލަސީމިއާ ސެންޓަރު ހުރި ޢިމާރާތް ބާވުމާގުޅިގެން ސަރުކާރުންވަނީ ހުޅުމާލޭ އޮރެންޖް ހިޔާއަށް ސެންޓަރުގެ ޚިދުމަތްތައް ބަދަލުކޮށްފައެވެ.


