ތެރަޕިއުޓިކް ފަރުވާ އަށް ދައުލަތުން ހަތް މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފި
4 އޯގަސްޓު 2026 - 13:08

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރެއިން ތެރަޕިއުޓިކް ފަރުވާ ބޭނުންވާ 253 މީހަކަށް ދައުލަތުން ހަތް މިލިޔަން ހަތްދިހަ ދެހާ އައްސަތޭކަ ތިރީސް ހަތަރު ރުފިޔާ( 7،072،834) ހަރަދުކޮށްފައިވާ ކަމަށް ނޭޝަންލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއީ މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ދައުލަތުން ކޮށްފައިވާ ހަރަދުތަކެވެ.އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އެ އިދާރާގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި މީހުންނެވެ. އެގޮތުން ހިނގާބިނގާވެ އުޅުމަށް ނުކުޅެދި މަސައްކަތް ނުކުރެވޭ ހާލުގައި ތިބި ކަމަށް 4،287 މީހަކު ރަޖިސްޓްރީކޮށްފައިވެ އެވެ.

Ad by Hajj Corporation
މިގޮތަށް ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ތެރެއިން އެންސްޕާއިން މާލީ އެހީ ދީފައި ވަނީ 15،146 މީހަކަށެވެ. އެއީ ފަންސާސް ފަސްމިލިޔަން ނުވަލައްކަ ވިހިހާސް (55،920،000) ރުފިޔާ އެވެ.
ތަފާސް ހިސާބު ދައްކާފައިވާ ގޮތުން އޭޕްރިލް މަހުގެ ނިޔަލަށް އެ އިދާރާގައި ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނުންގެ ގޮތުގައި 8،915 ރަޖިސްޓްރީކޮށްފައިވާއިރު އޭގެ ތެރެއިން 18 އަހަރުން ދަށުގެ 3،636 ކުދިންނާއި 18 އަހަރާއި 64 އަހަރާ ދެމެދުގެ 3،989 މީހުން އަދި 65 އަހަރުން މަތީގެ 1290 މީހުން ހިމެނެ އެވެ.
އަދި އަންހެނުން ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ގޮތުގައި އެ ތިން އުމުރުފުރާއިން ރަޖިސްޓްރީކޮށްފައިވަނީ 6،488 މީހުންނެވެ. މިއާއެކު އެންސްޕާގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ޖުމްލަ އަދަދަކީ 15،403 މީހުންކަމަށް ތަފާސްހިސާބުން ދައްކަ އެވެ.


