އެމްޑީޕީގެ ފިތުނަ ދޮލަނގުން ސާފުވެގެންދަނީ ރައްޔިތަކަށް ހެވެއް ނޭދޭ މިންވަރު: މަތީން

2 އޮކްޓޯބަރު 2024 - 14:42

އެމްޑީޕީގެ ފިތުނަ ދޮލަނގުން ސާފުވެގެންދަނީ ރައްޔިތަކަށް ހެވެއް ނޭދޭ މިންވަރުކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ އަބުދުލް މަތީން މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީ މަތީން މިގެން ވިދާޅުވީ، ޓޫރިޒަމް ދާއިރާ އިން ރާއްޖެ އަށް ވަންނަ ހުރިހާ ބޭރު ފައިސާއެއް ބޭންކުތަކަށް ޖަމާކުރަން ލާޒިމްކޮށް، އެމްއެމްއޭ އިން ބޭރު ފައިސާއާ ބެހޭ ގަވާއިދެއް އިއްޔެ ގެޒެޓް ކުރުމުން އެ ގަވާއިދާގުޅޭ ގޮތުން އެމްޑީޕީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ކުރެއްވި ޓްވީޓަކާއި ގުޅިގެން ޚިޔާލުފާޅު ކުރަށްވަމުންނެވެ.
ޝީހިދަށް ރަށްދުދެއްވައި މަތީން ވިދާޅުވީ، ހުރިހާ އާރަކާ ބާރެއް ފަސްއަހަރު ހޯއްދަވައިގެން ތިއްބަވާ ރައްޔިތަކަށް ލުއިފަސޭހަވާނެ އެއްވެސް ކަމެއް އެމްޑީޕީންކޮށްދީފައި ނުވާ ކަމަށެވެ.
ކުރިހާ ވެސް ކަމަކީ މަދުބަޔަކު ދައުލަތަށް ދައްކަންޖެހޭ 4 ބިލިއަން އެއްބުރަށް މާފުކޮށްދެއްވުން ކަމަށާއި، އެމްޑީޕީގެ ސަރުކާރުގައި ވަނީ ޤައުުމު މަތިމައްޗަށް ދަރުވާލައި، އިނދަޖައްސާލާފައި ކަމަށާއި، އެކަމުގެ މޭސްތިރިން ތިލަވަނީ ރައްޔިތަކަށް ލުޔެއް ލިބިދާނެ ކަމުގެ ބިރަށް ކަމަށް މަތީން ވަނީ ވިދާޅުވެފައެވެ.
''ފިތުނަ ދޮލަނގު އިސްތަށިފުޅު މައްޗަށް ލައްަވައިގެން ތިޔަހެން ނިކުންނަވާ ކޮންމެ ފަހަރަކު ސާފުވެގެންދަނީ ރައްޔިތަކަށް ހެވެއް ނޭދޭ މިންވަރު.'' މަތީން ވިދާޅުވެފައެވެ.
އެމްއެމްއޭގެ އައު ގަވާއިދާ ގުޅިގެން މަތީން އިތުރަށް ވިދާޅުވެފައި ވަނީ ފަތުރުވެރިކަމުންލިބޭ އާމްދަނީގެ ހިސާބު ޖައްސަވާއިރު ބައެއް ބޭފުޅުން ހަމައެކަނި ދައްކަވަނީ ރޫމް ރޭޓުގެ ވާހަކަ ކަމަށެވެ.
'' އެތަންތަނަށް އަންނަ ފަތުރުވެރިންގެ މެންދުރު ކެއުމެއް ރޭގަނޑުގެ ކެއުމެއްވެސް ނޯވޭބާވައެވެ. ޑްރިންކެއްހާ ހިސާބުވެސް ނުބޮނީހެއްޔެވެ. މޫދުކުޅިވަރެއްވެސް ނުކުޅޭހެއްޔެވެ. މަހަކަށްވެސް ނުދޭހެއްޔެވެ. ބާބަކިޔުއެއްވެސް ނުހަދާހެއްޔެވެ. ކައިރި ރަށަކަށް ނުވަތަ ފިނޮޅަކަށްވެސް ހަމަ ޖައްސާނުލާހެއްޔެވެ. ސުވެނިއަރ ޝޮޮޕަކަށްވެސް ވަދެނުލާހެއްޔެވެ. ރެސްޓޯރަންޓަށް ގޮސްބޮނީ އިސްކުރުފެންތޯއެވެ.'' މަތީން ސުވާލު އުފައްދަވަމުން ވިދާޅުވެފަވެއެވެ.
އެމްއެމްއޭ އިން ރޭ އާންމުކުރި ފައިސާއާ ބެހޭ ގަވާއިދުގައިވާ ގޮތުން، ޓޫރިޒަމް ދާއިރާގެ ހުރިހާ ފެސިލިޓީތަކަކުން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކަށް ޖަމާކުރަންޖެހޭގޮތަށް ލާޒިމް ކުރިމުގެ އިތުރުން، ކޮންމެ ފެސިލިޓީއަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހޭނެ އެވެ. ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓުން އުޅަނދުތަކަށް ކޮންމެ މަހަކު އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ބޭންކުތަކުގައި މާރުކުރަން ޖެހޭނެ އެވެ. އަދި ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އަންނަ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ވެސް ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭނެ އެވެ.