ދާރުއްސަލާމް ވަގްފު ޢިމާރާތުގެ މަސައްކަތް އާރުސީސީ އަށް
17 ނޮވެމްބަރު 2025 - 12:11

ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަގްފު ޢިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމެވެ.

Ad by Hajj Corporation
12 ބުރިއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަގްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވޭ އިމާރާތެއް ކަމަށާއި، އަދި އެ އިމާރާތުގެ ބޭސްމަންޓުގައި ހާއްސަ ޕާކިން ސަރަހައްދެއް ހެދުމަށް ހަމަޖެހިފައިވާއިރު ގްރައުންޑް ފްލޯގައި ހުންނާނީ ރިސެޕްޝަން ސަރަހައްދާއި އިތުރު ޕާކިން ވަސީލަތްތައް ގާއިމްކޮށްފައި ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އަދި ފުރަތަމަ ފަންގިފިލާ ވިޔަފާރި ބޭނުންތަކަށް ދޫކުރާ ގޮތަށް ހަމަޖެހިފައިވާއިރު ތިން ވަނަ ފަންގިފިލާއިން ބާރަވަނަ ފަންގިފިލާއަށް ޒަމާނީ އޮފީސްތަކާއި ނަމާދު ކޮޓަރިތަކުގެ އިތުރުން މީޓީންގ ރޫމް ގާއިމް ކުރާނެ ކަަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ. އިމާރާތުގެ ދެވަނަ އަދި 11 ވަނަ ފަންގިފިލާގައި ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ޒަމާނީ ހޯލު ހެދުމަށް ހަމަޖެހިފައިވާއިރު (މަލްޓި-ޕާޕަސް ހޯލް) ފުރާޅު ނުވަތަ ރޫފްޓޮޕްއަކީ ހުޅުވާލެވިފައިވާ ޓެރަސްއެކެވެ.
24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ޖުމްލަ އަގަކީ 244,508,842.00 ރުފިޔާ އެވެ.އަދި އެ މަޝްރޫއު ނިންމުމަށްފަހު ފަސް އަހަރު ދުވަހަށް އިމާރާތުގެ މެއިންޓެނަންސް މަސައްކަތް އެ ކުންފުނިން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފައިނޭންސް ކުރާ މަޝްރޫއުއެއް ކަމަށާއި އެ މަޝްރޫއު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އެގޮތުން އެ އިމާރާތުން އަހަރަކު 52 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެއެވެ.
އެ އާމްދަނީގެ 20 އިންސަައްތަ ރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު އާމްދަނީގެ 80 އިންސައްތަ އިސްލާމިކް ވަގްފު ފަންޑަށް ޖަމާކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.


