ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުން ޚިދުމަތް ދޭން ފަށައިފި
22 ނޮވެމްބަރު 2025 - 06:17
.jpg&w=3840&q=75)
ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަކުރެއްވުމުގެ ގޮތުން އަދުގެ ސަރުކާރުން މާލެ ސަރަޙައްދުގައި ޤާއިމުކުރެއްވި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުން ޚިދުމަތް ދޭންފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޞިއްޙީ ސިޔާސަތާ އެއްގޮތަށް، އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުތައް ފަރުމާކުރެވިފައިވަނީ ބަލިމަޑުކަމުން ސަލާމަތްވެ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާވެގެންދާނެ ޚިދުމަތްތަކެއް، އެ ސެންޓަރުގެ އެހީގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެގޮތަށެވެ.
މި ސެންޓަރުގެ ޚިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ 3 ބަޔަކަށެވެ. އެއީ، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދަވާނެއެވެ. އެގޮތުން، ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކުރައްވައި، އެކުދިންގެ ހެދިބޮޑުވުން މޮނިޓަރކޮށް، ވެކްސިން ދިނުން ފަދަ ޚިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދެއްވާނެއެވެ. ހަމައެއާއެކު ޞިއްޙީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ޚިދުމަތްވެސް މި ސެންޓަރުން ލިބޭނެއެވެ.

Ad by Hajj Corporation
އާރބަން ޕްރައިމަރީ ހެލްތުކެއަރގެ އަމާޒަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ބޭނުންވާ ޢާންމު ސިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ރައްޔިތުންގެ ޞިއްޙަތު ދުޅަހެޔޮ ޙާލަތެއްގައި ބެހެއްޓުމަށް ބޭނުންވާ މެޑިކަލް ޗެކަޕްތައް ހެދުމާއި، ޢާންމު ބަލިތަކަށް ބޭސްފަރުވާ ކުރުމުގެ ޚިދުމަތްތައް ދިނުމެވެ. މި ޚިދުމަތްތަކުގެ އިތުރުން، އެހެނިހެން ތަފާތު ސިއްޙީ ޚިދުމަތްތައް މި ސެންޓަރުގެ ތިން ކްލިނިކުން ފޯރުކޮށްދެވޭނެއެވެ.
ޚިދުމަތް ފޯރުކޮށްދެވޭ ގަޑިތައް:
• ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ރޭގަނޑު 10:00 އަށް
• ހުކުރު ދުވަހު މެންދުރުފަހު 3:30 އިން ރޭގަނޑު 10:00 އަށް
• ސަރުކާރު ބަންދު ދުވަސްތަކުގައި މި ސެންޓަރު ބަންދުވާނެއެވެ.
މިސެންޓަރުން ދެވޭ ޚިދުމަތްތައް:
ޖީ.ޕީ ކްލިނިކް:
• އާއިލީ ބޭސްވެރިކަމުގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް
• އާންމު ބަލިތަކަށް ފަރުވާ ދިނުމުގެ ޚިދުމަތް
• ޖީޕީގެ ޑޮކްޓަރުން ލަފާ ދެއްވާ ލޭގެ ޓެސްޓްތައް ހެދުން
• ޑްރޮޕް ބޮކްސް މެދުވެރިކޮށް ބޭސް ސިޓީ އައުކުރުމުގެ ޚިދުމަތް
• ކުދި ޕްރޮސީޖަރތައް (އައިވީ ގުޅުން، ނެބިއުލައިޒް ކުރުން، ބޭސް އެޅުން، ކާހޮޅި ބަދަލު ކުރުން) ހެދުން
• އެކްސްރޭގެ ޚިދުމަތް
• ބޭސްފިހާރަ
ޗައިލްޑް ހެލްތު ކްލިނިކް:
• 5 އަހަރުން ދަށުގެ ކުދިންގެ ހެދިބޮޑުވާ މިންވަރު ދެނެގަތުމާއި، ޑިވެލޮޕްމެންޓަލް މައިލްސްޓޯންސް ބެލުން
• ތުއްތު ކުދިންނަށް ގާތުން ކިރުދިނުމާއި ކެއިންބުއިމާއި ބެހޭގޮތުން ބެލެނިވެރިންނަށް އިރުޝާދު ދިނުން
• 2 އަހަރާއި 5 އަހަރާއި ދެމެދުގެ ކުދިންނަށް ވިޓަމިން-އޭ އަދި ފަނީބޭސް ދިނުމުގެ ޚިދުމަތް
• ޤައުމީ ވެކްސިން ތާވަލާއި އެއްގޮތަށް ވެކްސިން ދިނުމުގެ ޚިދުމަތް
• އިޚްތިޔާރީ ވެކްސިން ޖެހުމުގެ ޚިދުމަތް
ވެލްނަސް ކްލިނިކް:
• ދަތުރުވެރިންގެ ވެކްސިން ޖެހުމުގެ ޚިދުމަތް
• ދުންފަތާއި ދުރުވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކްލިނިކް
• ނަފްސާނީ ދުޅަހެޔޮކަމާއި ކައުންސެލިންގގެ ޚިދުމަތްތައް
• ދުޅަހެޔޮ އާދަތަކަށް އަހުލުވެރިކޮށްދޭ ކްލިނިކް (ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށާއި، އެފަދަ ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި ކެއިންބުއިމާއި ކަސްރަތާއި ދުޅަހެޔޮ އާދަތަކަށް އަހުލުވެރިކުރުމަށް)
ބަލިޖެހުމުގެ ކުރިން، ބަލިތަކުން ދިފާޢުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޞިއްޙީ ސިޔާސަތުގެ މުހިންމު ބަހާއަކަށް ވާއިރު، މިފަދަ އިތުރު 5 ސެންޓަރު މާލެ ސަރަޙައްދުގައި ތަރައްޤީކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ތަރައްޤީކުރައްވާނެއެވެ. ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއްދެއްވައިގެން ކުރައްވާ ކަމަކަށްވާއިރު، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު އިސްކަމެއްދެއްވާފައިވާ ދާއިރާއަކީވެސް ޞިއްޙީ ދާއިރާއެވެ.


