އަހަރުގެ މިހާތަނަށް އެސްޑީއެފަށް 2.2 ބިލިއަން ރުފިޔާ ޖަމާކޮށްފި
22 ނޮވެމްބަރު 2025 - 09:15
.webp&w=3840&q=75)
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)އަށް މި އަހަރު 2.2 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރުގެ ބަޖެޓުގައި އެސްޑީއެފަށް ޖަމާކުރުމަށް ކަނޑައެޅީ 2.1 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއަހަރުގެ ބަޖެޓުގައި ޖަމާކުރަން ކަނޑައެޅި އަދަދަށް ވުރެ އިތުރަށް ފަންޑަށް ވަނީ ޖަމާކޮށްފައެވެ.

Ad by Hajj Corporation
އެސްޑީއެފް ފަންޑުން އަންނަ އަހަރުގެ ދަރަނި އަދާ ކުރުމަށް 4.1 ބިލިއަން ރުފިޔާ ބޭނުން ކުރަން ބަޖެޓު ފޮތުގައި ކަނޑައަޅާފައިވެ އެވެ.
އެސްޑީއެފްގެ ސައިޒު 10.9 ބިލިއަން ރުފިޔާގައި ހުރި އިރު އޭގެ ތެރެއިން 8.3 ބިލިއަން ރުފިޔާ ހުރީ ޑޮމެސްޓިކް ސެކިއުރިޓީ ނުވަތަ ސަރުކާރުގެ ޓީބިލްގައި އިންވެސްޓްކޮށްފަ އެވެ. ބޭނުން ކުރެވޭ ގޮތަށް މިވަގުތަށް ހުރީ 2.4 ބިލިއަން ރުފިޔާ އެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަކީ، އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން އަރައިގަތުމަށް ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ.ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްޤީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމާއި އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ފަންޑަކަށްވާއިރު، މި ފަންޑުގެ އެހީގައި، ދަރަނި ދެއްކުމަށް ކުރި ހޭދަވެސް ވަނީ މި މުއްދަތުގެ ތެރޭގައި އިތުރުވެފައެވެ. އެގޮތުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ލޯނުތައް ދެއްކުމަށް ކުރި ހޭދަ އާއި ލެންޑިންގް އަދި އިންވެސްޓްމަންޓްސްއަށް ކުރި ހޭދައާއެކު ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 43.8 ބިލިއަން ރުފިޔާގަ އެވެ.
2016ވަނަ އަހަރު އުފެއްދި ރާއްޖޭގެ ސޮވަރިން ފަންޑަށް ދަޢުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތިން ދިމާލަކުން އަންނަ ފައިސާ އެއްކޮށް އެ ފަންޑަށް ދަނީ ޖަމާކުރަމުންނެވެ. އެއީ އެއާޕޯޓުން ފުރާމީހުންގެ އަތުން ނަގާ އެއާޕޯޓް ޑިވަލޮޕްމަންޓް ފީގެ އާމްދަނީއާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއާޕޯޓްގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީއެވެ.
ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު މެނޭޖުކޮށް ބެލެހެއްޓުމުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ބޮޑެތި އިހުމާޅުތަކެއް ވެފައިވާކަމަށް ކަމާ ބެހޭ އިދާރާތަކާއި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު އެސްޑީއެފް ފަންޑުގައި 200 މިލިއަން ޑޮލަރާ ގާތްކުރާ ވަރަށް ޑޮލަރު ހުއްޓެވެ. އެކަމަކު ރައީސް ސާލިހު ސަރުކާރު ނިމުނުއިރު ފަންޑުގެ ބޮޑު ބަޔަކީ ރުފިޔާ އެވެ. އެ ފަންޑަށް އެމްޑީޕީ ސަރުކާރުން ބަރާބަކަށް ފައިސާ ޖަމާ ކުރިނަމަ އައު ސަރުކާރު ހަވާލުވީިއިރު ބިލިއަނެއްހާ ޑޮލަރު މި ފަންޑުގައި ހުންނާނެ އެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރު ނިމުނުއިރު އެސްޑީއެފްގައި ހުރީ ދެ މިލިއަނެއްހައި ޑޮލަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.


