އޮޕަރޭޝަން އަލިމަގު: 23 މިލިއަން ރުފިޔާގެ މަސްތުވާތަކެއްތި އަތުލައި 110 މީހުން ހައްޔަރުކުރި
23 ނޮވެމްބަރު 2025 - 06:38
.webp&w=1920&q=75)
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަން- އޮޕަރޭޝަން އަލިމަގުގައި 110 މީހުން ހައްޔަރުކޮށް، 23 މިލިޔަން ރުފިޔާގެ ތަކެތި އަތުލައިގެންފައިވާކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމާ އެއްގޮތަށް "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފެށީ މި ހިނގާ ނޮވެމްބަރުމަހުގެ 13 ވަނަ ދުވަހުއެވެ.

Ad by Hajj Corporation
މިއީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފެށި އޮޕަރޭޝަނެކެވެ.
ފުލުހުން ބުނެފައިވަނީ މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް ގެންދިޔަކަމަށެވެ. މި އޮޕަރޭޝަންގައި 110 މީހުން ހައްޔަރުކޮށްފައިވާކަމަށާއި 23 މިލިޔަން ރުފިޔާގެ ތަކެތި އަތުލައިގެންފައިވާކަމަށް ވަޒީރު ވިދާޅުވެފައިވާއިރު މީގެތެރޭގައި މަސްތުވާތަކެއްޗާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ތަފާތު އެކި ސާމާނު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް، މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައި ތަންތަން ވަނީ ބަންދުކޮށްފައެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް، އިސްލާމީ ޝަރީޢަތުގައި ޤާނޫނު ހުއްދަ ކުރާ އެންމެ ބޮޑު އަދަބު އެމީހުންނަށް ދޭނެކަމަށެވެ.
މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް، މިކަމާ ގުޅޭ ޤާނޫނުތަކަށް އިސްލާހު ހުށަހަޅައި ގާނޫނުތައް ހަރުދަނާ ކުރުމަށް ނިންމަވާފައިވާކަމަށްވެސް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި ގިނަ ފިޔަވަޅުތަކެއް މިހާތަނަށް އެޅިފައިވާއިރު، ޤާނޫނީ ރައްކާތެރިކަން ލިބޭގޮތަށް، ޤާނޫނީ ފިޔަވަޅުތަކާއެކު، ފަރުވާ ދިނުމާއި އަދި މުޖުތަމަޢަށް އަނބުރާ ގެނައުން ހިމެނޭ ގޮތަށް، ޤައުމީ އޮނިގަނޑެއް އެކުލަވާލެވި، ތަންފީޒުކުރެވެމުންދާކަން މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވެއެވެ. މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރެއްވުމަށް އިސްކަންދެއްވައިގެން ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުން ސަލާމަތްކުރުމަށް އަމާޒުކޮށް ނ. ވެލިދޫ، ކ. ކާށިދޫ، އަދި، ލ. ގަމުގައި ރީހެބިލިޓޭޝަން ސެންޓަރުތައް ވަނީ ގާއިމުކުރައްވާފައެވެ. އަދި ފަރުވާ ފުރިހަމަކުރުމުން އަނބުރާ މުޖުތަމަޢަށް އައިސް، ވަޒީފާގެ މާހައުލަށް ނުކުމެ، މަސްތުވާތަކެއްޗަށް އަނބުރާ ނުދިޔުމަށް ދޭންޖެހޭ ފަރުވާ އާއި އަޅާލުން ދިނުމުގައި ދައުލަތުން ބުރަ މަސައްކަތްތަކެއް ކުރާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ދެއްވާފައިވެއެވެ.


