އެމްޑީޕީ ހިންގަން ރައީސް ސާލިހާއި، ޝާހިދު އެއްބާރުލުން ނުދޭކަމުގެ އަޑުތަކެއް
24 ނޮވެމްބަރު 2025 - 09:54

އިދިކޮޅުގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާރސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލްގެ ކުއްލި އިސްތިއުފާއާއެކު ގިނަ ވާހަކަތަކެއް މިވަނީ ފެންމަތިވާން ފަށާފައެވެ.
އެމްޑީޕީގެ ފަރާތުން ރާއްޖޭގައި ވެރިކަން ކުރެއްވި ދެ ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ އަރާރުމުގެ ވާހަކައެވެ. ރިޔާސީ ޓިކެޓާއި ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓުގެ ވާދަވެރިކަމުގެ ވާހަކައެވެ. ވަކި ބަޔަކު ޕާޓީ ހިސާރުކުރާ ވާހަކައެވެ. އެމްޑީޕީއަކީ ވަކި ބައެއްގެ މުށުތެރޭގައި ހިންގަންޖެހޭ ޕާޓީއެއްކަމަށް ދެކޭ ކަމުގެ ވާހަކައެވެ. މިހިރަކަހަލަ ކަންކަމަކީ އެމްޑީޕީން މީގެ ކުރިން ގަބޫލުކުރަމުންއައިއުސޫލުތަކާއި ދިމާއިދިކޮޅު ކަންކަމެވެ. އާއިލީ ވެރިކަމާ ދެކޮޅަށް ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ޕާޓީ ހިންގަމުން އަންނަކަމަށް އަބަދުވެސް އެމްޑީޕީން ވަކާލާތުކުރެއެވެ.

Ad by Hajj Corporation
ކޮންމެއަކަށް މައްސަލަ އޭގެ ކުންނަށް ދިޔައީ އެ ޕާޓީގެ ޗެއަރޕާރސަންގެ މަގާމުގައި ހުންނެވި ފައްޔާޒުގެ އިސްތިއުފާއާއެކުގައެވެ. އާދީއްތަަ ދުވަހުގެރޭ އިޢުލާންކުރި އިސްތިއުފާގެ ކުރިން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައިވެސް ނުސީދާކޮށް ފައްޔާޒުވަނީ ވާހަކަދައްކަވާފައެވެ.
އިސްތިއުފާދެއްވުމުގެ ކުރިން ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒުވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ ދެމެދުގައި އޮތް ހިތްހަމަނުޖެހުންތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ހާމަކުރައްވާފައެވެ. އަދި ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން އަބަދުވެސް މަސައްކަތް ކުރެއްވީ އެމްޑީޕީގެ އެތެރޭގައި އޮތް ފިތުނައާއި ބައިބައިވުން ނައްތާލުމަށް ފައްޔާޒު ވިދާޅުވިއެވެ.
އަދި ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން ކުރިއެރުމެއް ނުލިބޭނެކަމަށް ވިދާޅުވެ ބައިބައިވުން ނައްތާލަންޖެހޭކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް "މެންދުރާ" ވާހަކަދެއްކި އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވީ އެމްޑީޕީ ހިންގަން ރައީސް ސާލިހާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެއްބާރުލުން ނުދެއްވައި ސީދާ ޖެއްސުންކުރަމުން އަންނަކަމަށެވެ.
2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް މިހާތަނަށް އިއުލާނުކުރައްވާފައިވާ ހަމައެކަނި ބޭފުޅަކީ ފައްޔާޒެވެ. އެހެންނަމަވެސް ރައީސް ސާލިހު ސިއްރިއްޔާތުގައި ކެމްޕެއިން ކުރައްވާކަމަށްވެއެވެ. ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ޕާޓީ ހިންގެވުމުގައި ފައްޔާޒު ނިންމަވާ ނިންމެވުންތަކަކީ އޭނާއަށް ފައިދާވާ ގޮތަށް ކުރާ ކަންކަން ކަމުގައި ރައީސް ސާލިހާއި ޝާހިދު ދަނީ ތުހުމަތު ކުރަމުންނެވެ.
އެއް އުރައެއްގައި ތިން ކަނޑިއަށް ނޯވެވޭނެކަން ފާހަގަކުރައްވަމުން ގައުމީ މަޖިލީހުގެ މެންބަރުންގެ އަރިހުން ފައްޔާޒު އެދިވަޑައިގަތްފައިވަނީ އެމްޑީޕީގައި އެންމެ ލީޑަރަކު ހުންނަވާ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދު ބަދަލުކުރުމަށެވެ. މިހާރުގެ ހާލަތު ކިޔާދެއްވަމުން "މެންދުރާ" ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންނަށް ރައީސް ސާލިހުވެސް އަދި ޝާހިދުވެސް ދަނީ ޕާޓީގެ ތެރެއިން އެތައް ދުއްތުރާތަކެއް ކުރިމަތިކުރަމުންކަމަށެވެ.
"ބޭނުންވަނީ އެމްޑީޕީ ސިޓިން ރޫމް ތެރޭގައި ހިންގަން. އެމްޑީޕީ ޖެހޭނީ ރިފޯމްކުރަން"
އެއާއެކު ރައީސް ނަޝީދާއި ރައީސް ސާލިހުގެ ވާދަވެރިކަމާއެކު އެމްޑީޕީގެ އެތެރޭގެ ކޯޅުން މިވަނީ އަނެއްކާވެސް ބޮޑުވާން ފަށާފައެވެ.
މިކަހަލަ ކޯޅުންތަކެއް މީގެ ކުރިންވެސް އެ ޕާޓީ ވަނީ ތަހައްމަލުކޮށްފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނާއި ނަޝީދާ ދެމެދު އުފެދުނު ސިޔާސީ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ނަޝީދާއި ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން މީގެ ކުރިން ވަނީ އެމްޑީޕީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް" ނަމުގައި ސިޔާސީ ޕާޓީއެއްވެސް އުފައްދަވައިފައެވެ. އެކަމަކު މިފަހުން އެބޭފުޅުންވަނީ މި އަހަރުގެ ޖޫން 23 ގައި އެމްޑީޕީއާ ގުޅިފައެވެ. ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގަތުމުގައި ފައްޔާޒުވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި އަދި އެ ޕާޓީގެ އިސް އެތައް މަގާމުތަކެއްވެސް ފުރުއްވައި ސިޔާސީ ތަޖުރިބާ ހުރި އެހެން ބޭފުޅަކު ވިދާޅުވީ މިއީ ޕާޓީގެ ލީޑަރޝިފް އެކީ އެކަށް އިސްތިއުފާ ދޭންވީ ވަގުތުކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވަނީ ޕާޓީގެ އިސް މަގާމުތަކުގައި މިހާރު ވެސް ތިއްބެވީ ވައްކަމާއި ކޮރަޕްޝަނުގެ ތުހުމަތު އަމާޒުވެފައިވާ މީހުންކަމަށްވާތީއެވެ.
"ހާއްސަކޮށް އަބްދުﷲ ޝާހިދު އިސްތިއުފާ ދޭންޖެހޭ"
"މެންދުރާ" ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް އިއްތިފާގުވާ އެއްކަމެއް އެބައޮތެވެ. އެއީ މިހާރު މިއީ ޕާަޓީގެ ލީޑަރޝިޕް އެއްކޮށް އިސްތިއުފާދީ އެމްޑީޕީ ރިފޯމް ކުރަންވީ ވަގުތުކަމެވެ. މިއީ އެ ވަގުތާއި އެ ހާލަތުކަމަށެވެ.
ޑިމޮކްރެޓްސް އުވާލަން ނިންމާ، ނަޝީދާއި އެ މަނިކުފާނުގެ ބައިވެރިން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ނަމަވެސް ޞާލިޙާއި ނަޝީދުގެ ވާދަވެރިކަން ބޮޑުކޮށް ފެންނައިރު އެންމެ ރަނގަޅު ގޮތަކީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙް ވެސް އަދި އެ މަނިކުފާނު ވެސް ވާދަ ނުކުރެއްވުން ކަމަށް ރައީސް ނަޝީދުވަނީ މިއަދު ވިދާޅުވެފައެވެ.


